ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރު އިތުރުވެ، އާންމު ދިރިއުޅުމުގެ މުހިންމު ބަޔަކަށް މިވަނީ ވެފައެވެ. މަސައްކަތްތައް އަވަސްކޮށް، ހިންގުންތެރިކަން އިތުރުކުރުމަށް އޭއައިގެ އެހީތެރިކަން ބޮޑު ނަމަވެސް، މިއީ ހަމައެހާ ނުރައްކާތެރި ވަސީލަތެއްކަމަށް މާހިރުން އިންޒާރު ދެއެވެ.
އޭއައިގެ ސަބަބުން ލިބޭ ފައިދާތަކަށް ބަލާއިރު، ބޮޑެތި ޑޭޓާތައް ދިރާސާކުރުމާއި، ތަކުރާރުކޮށް ކުރަންޖެހޭ މަސައްކަތްތައް އޮޓޮމޭޓްކުރުމުގައި މިއީ ދެވަނައެއް ނެތް ވަސީލަތެކެވެ. ސިއްހީ ދާއިރާއިން ބަލިތައް ދެނެގަތުމާއި، ތައުލީމީ ދާއިރާ ކުރިއެރުވުމުގެ އިތުރުން، ކުރިން މުޅި ޓީމަކުން ކުރަމުން އައި މަސައްކަތްތައް މިހާރު އޭއައިގެ އެހީގައި އެކަކަށް ކުރެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްވެ، ހިއުމަން އެރާ މަދުވެ، އުފެއްދުންތެރިކަން އިތުރުވެގެންދެއެވެ.
ނަމަވެސް، މި ފަސޭހަތަކާއެކު ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އޭއައި ބޭނުންކޮށްގެން ސައްހަ ނޫން މައުލޫމާތާއި، ފޭކު ފޮޓޯއާއި ވީޑިއޯ އަދި އަޑު އުފެއްދުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. މީގެ ސަބަބުން މީހުންގެ އަބުރަށް އަރައިގަތުމާއި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި އާންމުންގެ ނިންމުންތަކާއި ވިސްނުމަށް ނޭނގި ނުފޫޒު ފޯރުވުމުގެ ބިރުވެސް އޮތީ އިންތިހާއަށެވެ.
އަނެއްކޮޅުން، އޭއައިއަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން އިންސާނުންގެ އަމިއްލަ ވިސްނުމާއި އަމަލީ ހުނަރުތައް ކުޑަވެގެންދާނެ ކަމުގެ ބިރު އޮތްއިރު، ޑޭޓާއަށް ބިނާވެގެން ކުރާ މަސައްކަތްތައް އޭއައިއަށް ބަދަލުވުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލި، އިގްތިސާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި، އޭއައިއަކީ އަމިއްލަ އަހުލާގީ މިންގަނޑެއް ނުވަތަ ނިންމުންތަކެއް ނިންމުމުގެ ބާރު އޮންނަ އެއްޗެއް ނޫނެވެ. އެއީ އެ ބޭނުންކުރާ ބައެއްގެ ނިޔަތް ދައްކައިދޭ ވަސީލަތެކެވެ. އެހެންކަމުން، މުސްތަގުބަލުގައި އޭއައިގެ ސަބަބުން ލިބޭނެ ގެއްލުންތައް ކުޑަކުރެވޭނީ ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައިގެންނެވެ. ހޭލުންތެރިކަން އިތުރު ނުކޮށްފިނަމަ، މި ޒަމާނީ ވަސީލަތަކީ އިންސާނުންގެ މައްޗަށް ބާރުފޯރުވާ، ހަގީގަތާއި ދޮގު ވަކިކުރަން އުނދަގޫވާނެ އެއްޗަކަށް ވެގެންދާނެއެވެ.
