އިންޑިއާގެ ހިންދީ ފިލްމު އިންޑަސްޓްރީ ނުވަތަ ބޮލީވުޑްގައި މަސައްކަތް ހޯދުމަށް ދަތިތަކެއް އެބަހުރި ކަމަށާއި އެކަމުގެ ފަހަތުގައި ދީނީ ތަފާތުކުރުންތަކެއް އުޅޭކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެން، މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރު ރަހްމާން ހޫނު ފެނަށް ވެއްޓިއްޖެއެވެ. މި ވާހަކަތަކާ ގުޅިގެން އިންޑިއާގެ ހަރުކަށި ވިސްނުން ގެންގުޅޭ ޖަމާއަތްތަކުން ވަނީ ރަހްމާން ގައުމުގެ އަގު ވައްޓާލަން މަސައްކަތްކުރާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި މައްސަލަ ފެންމަތިވީ ބީބީސީ އޭޝިއަން ނެޓްވޯކަށް ރަހްމާން ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ އިންޓަވިއުގައި ރަހްމާން ބުނީ "އޭނާއަށް މަސައްކަތް ނުލިބެނީ ބޮލީވުޑްގައި އުޅޭ "ގޭންގް" އެއްގެ ސަބަބުން ކަމަށް ބެލެވޭ،" ކަމަށާއި، މީގެ ތެރޭގައި "ކޮމިއުނަލް" ނުވަތަ މަޒުހަބީ ތަފާތުކުރުންތަކެއް ވެސް ވެދާނެ ކަމަށެވެ. އަދި އޭނާ ބިޒީކޮށް އުޅޭ ކަމަށް ބުނެ ޑައިރެކްޓަރުންނަށް ނުބައި މައުލޫމާތު ފޯރުކޮށްދޭ ކަމުގެ އަޑުތައް އީވޭ ކަމަށް ވެސް ރަހްމާން ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން ވިޝްވާ ހިންދޫ ޕަރިޝަދް (ވީއެޗްޕީ) ގެ އިސް ތަރުޖަމާނު ވިނޯދު ބަންސަލް ވަނީ ރަހްމާންގެ ކިބައިން މާފަށް އެދުމަށް ގޮވާލާފައެވެ. އޭނާ ބުނި ގޮތުގައި އިންޑިއާއިން މަޝްހޫރުކަމާއި މުއްސަނދިކަން ހޯދުމަށްފަހު، މިފަދަ ގޮތަކަށް ގައުމު ބަދުނާމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ރަހްމާން "ވިކްޓިމް ކާޑު" ކުޅުއްވަނީ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
ފާޑުކިޔުންތައް އިތުރުވުމާއެކު ރަހްމާން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ވީޑިއޯ މެސެޖެއް އާންމުކޮށް، އޭނާގެ "ވާހަކަތަކުގެ މާނަ ނުބައިކޮށް ނަގާފައިވާ،" ކަމަށް ބުނެފައެވެ.
ރަހްމާން ބުނީ އޭނާގެ މަގުސަދަކީ މިއުޒިކް މެދުވެރިކޮށް އެންމެން ގުޅުވައިދިނުން ކަމަށާއި، އިންޑިއާއަކީ އަބަދުވެސް އޭނާގެ އާއިލާ ކަމަށެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަންނާނުންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ހިންދޫންގެ ދީނީ ފިލްމެއް ކަމަށްވާ "ރާމާޔާނާ" ގައި މަސައްކަތް ކުރަމުން ގެންދާކަން ވެސް އޭނާ ފާހަގަކުރިއެވެ.
އިންޑިއާގައި މުސްލިމް ފަންނާނުންނަށް މިފަދަ ފިއްތުންތައް ކުރިމަތިވުމަކީ ފަހަކަށް އައިސް އިތުރުވެފައިވާ ކަމެކެވެ. މީގެ ކުރިން ޝާހުރުކް ހާން އާއި އާމިރު ހާން ފަދަ ތަރިން، ގައުމުގައި ހުރި ނުތަނަވަސްކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމުން، އެމީހުންގެ ފިލްމުތައް ބޮއިކޮޓް ކުރުމަށް ގޮވާލައި ބޮޑެތި ކެމްޕޭންތައް ހިންގާފައިވެއެވެ. ރަހްމާންގެ މި ހާދިސާއިން ވެސް ހާމަވެގެންދަނީ އިންޑިއާގެ ފިލްމީ މައިދާނުގައި ސިޔާސީ އަދި ދީނީ ނުފޫޒު ގަދަވެފައިވާ މިންވަރެވެ.
