ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އަންނަ ރޯދަ މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވައި ނިންމާނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އަތޮޅުތަކަށް ކޭސްތައް ފޮނުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަށްރަށާއި ސިޓީތަކަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ ޒިންމާ އަދާކުރަނީ އެސްޓީއޯއިންނެވެ. އެހެންނަމަވެސް މާލެ ފިޔަވައި އެހެން ރަށްރަށުގައި ގޭބިސީތަކަށް މަސްދަޅު ބަހާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު:
ޖުމްލަ ގޭބިސީގެ އަދަދު: 118,673
އަތޮޅުތެރޭގެ ގޭބިސީ: 56,918
މާލެ ސަރަހައްދުގެ ގޭބިސީ (ޑޮމެސްޓިކް މީޓަރު): 61,755
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ނެގުމަށް ޕޮލިސް ޕޯޓަލް (roadhahadhiya.mv) މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތް ފެބްރުއަރީ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމަށް 15 މަރުކަޒެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ 8 ތަނަކާއި، ހުޅުމާލޭގެ 6 ތަނެއްގެ އިތުރުން ވިލިމާލޭގެ އެއް މަރުކަޒު ހިމެނެއެވެ. މަސްދަޅު ކޭސް ލިބުމުގައި ދަތިތަކެއް އުޅޭނަމަ ޓެލެގްރާމް ނަންބަރު 7741446 އަށް މެސެޖުކޮށްގެން ޝަކުވާ ހުށަހެޅޭނެއެވެ.
