މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އއ. ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި އާ ވަދު ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ކަނދުފަތީގެ ނަންބަރަކީ H08V01-01 އެވެ.

މި ކަނދުފަތި އަޅާފައިވާ ސަރަޙައްދުގެ ލޮކޭޝަނަކީ 04°29.500’N އަދި 72°55.000’E އެވެ. މި ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިކަމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހާއްސަކޮށް މި ކަނދުފަތީގެ ސަބަބުން ޒުވާން މަސްވެރިންނާއި، ފަތުރުވެރިކަމާ ގުޅިފައިވާ "ސްޕޯޓްސް ފިޝިންގ" ނުވަތަ ކުޅިވަރަށް މަސްބާނާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިއީ އެ ސަރަހައްދުގައި ވަދު މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކަނދުފަތިތައް ޤާއިމްކޮށް، މަސްވެރިންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.