ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ވެރިކަމުގެ ފަސް އަހަރަކީ، ރާއްޖޭގެ ތާރީޚުގައި ވެސް ސިއްހީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރާނެ ދައުރު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ލެބޯޓްރީގެ ހިދުމަތާއި، އެމްއާރުއައި އަދި ސީޓީ މެޝިން ފަދަ ޒަމާނީ ވަސީލަތްތައް އެންމެ ގިނައިން ފޯރުކޮށްދެވޭނެ ފަސް އަހަރަށް މި ދައުރު ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ސިއްހީ ކަންބޮޑުވުންތަކަށް މި ދައުރުގައި ބޮޑު ލުޔެއް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވަމުން ނާޡިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ހުރީ ވަރަށް ރަނގަޅަށް ތަރުތީބުކުރެވިފައި ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސަވައިދެއްވަމުން ގެންދަވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މިކަންކަން ގާތުން ބައްލަވަމުން ގެންދަވާތީ، ރޭވިފައިވާ ކަންކަން ތަންފީޒުވެގެންދާނެ ކަމުގެ ފުރިހަމަ ކަށަވަރުކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ މުހިންމު ޚިދުމަތަކީ ސިއްހީ ޚިދުމަތްކަން ފާހަގަކުރައްވައި، މި ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ދާއިރާގައި "އާ ބާބެއް" ލިޔެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
