ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ފުޅާކުރުމުގެ ގޮތުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެއިން ބޭރުގައި މި ޚިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރ. އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނަ ކެންސަރު ބަލި މީހުން ރަޖިސްޓްރީކޮށްފައިވާ އަތޮޅެވެ. މިވަގުތު ވެސް އެ އަތޮޅުގައި ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިބި ކަމަށް ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މި ޚިދުމަތް ފެށުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ޚިދުމަތް ފަށާފައިވަނީ އައިޖީއެމްއެޗުގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކުގައެވެ. މިކަމަށް ޚާއްސަކޮށްގެން 2 ނަރުހުން ތަމްރީނުކޮށް، ކީމޯ ރޫމެއް ވަނީ ގާއިމުކޮށްފައެވެ. މި ރޫމުގައި އެއްފަހަރާ ދެ މީހުންނަށް ޚިދުމަތް ދެވޭނެއެވެ.
ކީމޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލުގައި ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ކޮންމެ ބަލި މީހަކަށް ވެސް ފަރުވާގެ ޕްލޭން ތަފާތުވާނެތީ، ބޭނުންވާ ބޭސް ހޯދުމަށް ވަގުތު ބޭނުންވާނެތީ، ޚިދުމަތް ބޭނުންވާ ފަރާތްތަކުން ކުރިއާލާ ހޮސްޕިޓަލަށް އެންގުމަށް އެދިފައިވެއެވެ. ހޮސްޕިޓަލުގައި މިވަގުތު ކެންސަރަށް ޚާއްސަ ޑޮކްޓަރެއް ނެތް ނަމަވެސް، ފަރުވާގެ ކަންކަން ކުރިއަށްދާނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކީމޯގެ ޚިދުމަތް ފެށީ 2014 ވަނަ އަހަރު މާލޭގައެވެ. އަތޮޅު ތެރެއިން އެންމެ ފުރަތަމަ މި ޚިދުމަތް ފެށީ 2020 ވަނަ އަހަރު ޅ. ނައިފަރު ހޮސްޕިޓަލުގައެވެ. އޭގެ ފަހުން ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.
