ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ހާމަވެއްޖެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި 1،616 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

ހުށަހެޅި ފޯމުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ފުލެޓަށެވެ. އެގޮތުން ފުލެޓަށް އެދި 1،160 ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 456 ފޯމެވެ. މީގެ އިތުރުން ފޯމު ފުރިހަމަކުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް ސްޓޭޖުގައި 7،605 އެޕްލިކޭޝަން ހުރިކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ:

1,250 އަކަފޫޓުގެ 15,000 ގޯތި
7,900 ފުލެޓު
މި ސްކީމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ މިނިސްޓްރީގެ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ. ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ވަކި ސުންގަޑިތަކެއް ކަނޑައަޅާފައިވެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑި: 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59
ފުލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި: 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތަކަށް (4004-860 އިން ފެށިގެން 4004-865 އަށް) ގުޅުއްވުމުން ކުރިއަށް ގެންދެވޭނެއެވެ. އަދި މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ހެލްޕް ޑެސްކަށް ޒިޔާރަތްކުރުމުން ވެސް މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.