ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ބަހާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ރޭ ބަހަން ފަށާފައިވާއިރު، ފުރަތަމަ ރޭ އެކަނިވެސް 4،000 އަށް ވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ލޯކަލް ގަވަމަންޓް އިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އެކި މަރުކަޒުތަކުން ރޭ 8:30 އިން 11:00 އަށް ޖުމުލަ 4،196 މަސް ކޭސް ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ މަރުކަޒުންނެވެ. އެ މަރުކަޒުން ރޭ އެކަނިވެސް 783 ކޭސް ވަނީ ދޫކޮށްފައެވެ.
މިއަހަރު ޖުމުލަ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56،918 ގޭބީސީއަކާއި މާލެ ސަރަހައްދުގެ 61،755 ގޭބީސީ ހިމެނެއެވެ. ބާޒާރުގައި މަސްދަޅު ކޭހެއްގެ އަގު ހުރި ނިސްބަތަށް ބަލާއިރު، މިއީ ގާތްގަނޑަކަށް 90.4 މިލިއަން ރުފިޔާގެ ހަދިޔާއެކެވެ.
'އެކްސް'ގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ފެށުނު ހަފުތާ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސް ކޭސްތައް ފޮނުވައި ނިމޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މި މަސައްކަތް ކުރިއަށްދާއިރު ރައްޔިތުން ކިޔޫގައި ޖެހެން ނުޖެހޭނެ ފަދަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ޖުމުލަ 15 މަރުކަޒަކުން މަސް ކޭސް ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މާލޭގެ 8 މަރުކަޒަކާއި، ހުޅުމާލޭގެ 6 މަރުކަޒެއްގެ އިތުރުން ވިލިމާލޭގެ މަރުކަޒެއް ހިމެނެއެވެ. މަސް ކޭސް ދޫކުރަނީ ކަރަންޓު މީޓަރު ނަންބަރާއި ބިލު ނަންބަރަށް ބަލައިގެންނެވެ. މި މަސައްކަތް އަވަސް ކުރުމަށްޓަކައި ޓޯކަން ނަންބަރު ނެގޭނެ ޚާއްސަ ޕޯޓަލެއްވެސް ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ. ކޮންމެ ރެޔަކު ކޮންމެ މަރުކަޒަކުން 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ.
މަސް ކޭސް ދޫކުރާ މަރުކަޒުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރު، ގަލޮޅު ދަނޑު، ހެންވޭރު ސްޓޭޑިއަމް، އުމަރު ޒާހިރު ބިލްޑިންގް އަދި ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުތައް ހިމެނެއެވެ.
