ރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މި ބަދަލާއެކު، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަމަލުކުރަމުން އައި އުސޫލަށް ނިމުމެއް އަންނާނެއެވެ. ކުރިން އަމަލުކުރަމުން އައި ގޮތުންނަމަ، ރޭގަނޑު 12:00 ގެ ފަހުން އަންނަ ބޯޓުފަހަރު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 ޖަހަންދެން ބަނދަރަށް ނުވަދެވި ބޭރުގައި މަޑުކުރަން ޖެހެއެވެ. ނަމަވެސް އާ އުސޫލުގެ ދަށުން ކޮންމެ ވަގުތެއްގައި ވެސް ބޯޓުފަހަރަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި މި ބަދަލާއެކު، އުޅަނދުފަހަރަށް ބޭނުންވާ ކްލިއަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ވެސް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބިގެންދާނެއެވެ. މިއީ ރާއްޖެއަށް އަންނަ އުޅަނދުފަހަރު ގިނަވަމުންދާތީއާއި، އިޤްތިޞާދަށް ފައިދާވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެނެވުނު މުހިންމު ބަދަލެކެވެ.

މި ނިންމުމުގެ ސަބަބުން ޝިޕިންގ ލައިންތަކަށާއި ބޯޓު ދުއްވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން ބޭރުގައި މަޑުކުރަން ޖެހުމުން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރެވޭނެއެވެ. އަދި މިއީ މާލޭ ވިޔަފާރި ބަނދަރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރު ހުރި، ޒަމާނީ ޚިދުމަތްދޭ ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.