ލޯބީގެ ގުޅުމެއްގެ އެންމެ މުހިންމު ބަހާއަކީ އިތުބާރެވެ. ނަމަވެސް، ބައެއް ފަހަރު ތިބާގެ "ހިތް ބުނާ އެއްޗެއް"ގޯސްވެދާނެއެވެ. ބައިވެރިޔާގެ އުޅުމަށް އަންނަ ކުއްލި ބަދަލުތަކަކީ އޭނާ ކަމެއް ސިއްރުކުރާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. ޝައްކު ކުރުމަކީ ގުޅުން ހަލާކުވާ ކަމެކެވެ. އެހެންނަމަވެސް، ތިރީގައި މިވާ 5 ކަންތައް ތަކުރާރުކޮށް ފެންނަނަމަ، އެކަމާ މެދު ވިސްނާލުން މުހިންމެވެ.

1. ފޯނަށް މާބޮޑަށް ރައްކާތެރިވުން

މިއީ އެންމެ އާންމު ނިޝާނެވެ. ކުރިން ފޯނު މޭޒުމަތީގައި ބާއްވާފައި އުޅުނު މީހާ، ކުއްލިއަކަށް ފޯނު އަތުން ދޫނުކޮށް ގެންގުޅެން ފަށައިފި ހެއްޔެވެ؟

ފޯނު ބާއްވާއިރު އަބަދުވެސް ސްކްރީން ބަންޑުން ޖަހާފައި ބޭއްވުން.
ފޯނުގެ ޕާސްވޯޑް ކުއްލިއަކަށް ބަދަލުކުރުން.
ފޯނު ރިންގުވުމުން ތިބާއާ ދުރަށް ޖެހިލައި ނުވަތަ ފާހާނާއަށް ވަދެ ވާހަކަ ދެއްކުން.

މި ކަންކަން ފެންނަނަމަ، އެ ފޯނުގައި ތިބާއަށް ދައްކަން ބޭނުންނުވާ އެއްޗެއް އެބަހުއްޓެވެ.


2. އާދައިގެ ސުވާލުތަކުން ވެސް ރުޅި އައުން


"މިއަދު ކޮންތާކަށް ދިޔައީ؟" ނުވަތަ "ކާކާ އެކު ކޮފީގަ އިނީ؟" މިއީ ވަރަށް އާދައިގެ ސުވާލުތަކެވެ. ނަމަވެސް ކަމެއް ސިއްރުކުރާ މީހަކަށް މިފަދަ ސުވާލުތައް ވެގެންދާނީ "ތަހުގީގަކަށެވެ". އޭނާ ޖަވާބު ދިނުމުގެ ބަދަލުގައި؛ "ކީއްވެ ތިހެން ތި އަހަނީ؟ އަހަރެންނަށް ޝައްކުކުރަނީތަ؟" މިހެން ބުނެ ރުޅިގަދަވެ، މައްސަލަ އަނބުރާ ތިބާގެ ބޮލަށް ޖަހާނަމަ، އެއީ އޭނާ ދިފާއުވާން މަސައްކަތްކުރާ ކަމުގެ ހެއްކެކެވެ.

3. ޝެޑިއުލް ބަދަލުވެ، "ބިޒީ" ވާ ވަގުތު ގިނަވުން


ކުރިން އޮފީސް ނިންމާފައި ގެއަށް އަންނަ މީހާ، ކުއްލިއަކަށް "އޮފީހުގައި ބުރަވީ"، ނުވަތަ "ރައްޓެހިންނާ އެކު ބޭރުގައި އުޅެނީ" ކަމަށް ބުނެ ގެއަށް އައުން ލަސްކުރަން ފަށައިފިނަމަ ސަމާލުވާށެވެ. އަދި އެ ގަޑިތަކުގައި ފޯނަށް ޖަވާބު ނުދޭނަމަ، ނުވަތަ ފޯނު ނިއްވާލާފައި އޮންނަނަމަ، އޭނާ ވަގުތު ހޭދަކުރަނީ ކާކާ އެކުކަން ބެލުން މުހިންމެވެ.

4. ލޮލަށް ބަލައިގެން ވާހަކަ ނުދެއްކުން

އިންސާނާގެ ނަފްސާނީ ތަބީއަތް ހުންނަ ގޮތުން، ދޮގު ހަދާ މީހަކަށް އެހެން މީހެއްގެ ލޮލަށް ބަލައިގެން ވާހަކަ ދައްކަން އުނދަގޫވާނެއެވެ. ތިބާ ސީރިއަސް ވާހަކައެއް ދައްކާއިރު، އޭނާ އިސްޖަހައިގެން އިންނަނަމަ، ނުވަތަ އަވަސް އަވަހަށް މައުލޫ ބަދަލުކޮށްލަން އުޅޭނަމަ، އޭނާ ކަމެއް ފޮރުވަން މަސައްކަތް އެބަކުރެއެވެ.

5. ދައްކާ ވާހަކަ ދިމާނުވުން

ދޮގު ހަދާ މީހުންނަށް ގިނަ ފަހަރަށް އެމީހުން ދައްކާ ވާހަކައިގެ ތަފްސީލު ހަނދާނެއް ނުހުރެއެވެ. އެއް ދުވަހު ކިޔައިދިން ގޮތާއި އަނެއް ދުވަހު އެ ވާހަކަ ކިޔައިދޭ ގޮތް ދިމާނުވާނަމަ، ނުވަތަ ތަފްސީލު ދިނުމަށް ފަސްޖެހޭނަމަ، އެއީ އޭނާ ހަދަހަދައިގެން ވާހަކަ ދައްކާ ކަމުގެ އަލާމާތެކެވެ.

މި ކަންކަން ފެނުމަކީ ކޮންމެހެން ބައިވެރިޔާ ބޭވަފާތެރިވަނީއޭ ބުނެވޭނެ ކަމެއް ނޫނެވެ. ބައެއް ފަހަރު އަމިއްލަ ޒާތީ ކަމެއް މިސާލަކަށް، މާލީ މައްސަލައެއް ފަދަ ކަމެއް ވެސް ސިއްރު ކޮށްފާނެއެވެ. ނަމަވެސް މި އަލާމާތްތައް ފެންނަނަމަ، ޝައްކުގައި ނުހުރެ، ރީތި ގޮތުގައި ވާހަކަ ދައްކައިގެން ކަންކަން ސާފުކުރުމަކީ ގުޅުން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.