ދިވެހި މުޖުތަމަޢަކީ އަބަދުވެސް ތަފާތު ހުނަރުވެރި ޒުވާނުން އުފެދެމުން އަންނަ މުޖުތަމަޢެކެވެ. މީގެ ތެރެއިން ބައެއް ޒުވާނުންނަކީ އެމީހުންގެ ކިބައިގައި ހުންނަ މަޖާ މިޒާޖެއްގެ ސަބަބުން ނުވަތަ ކުރެވޭ ތަފާތު ކަމަކުން މުޅި ރާއްޖޭގެ މަޝްހޫރުކަން ހޯދާ ފަރާތްތަކެވެ. އެގޮތުން 2016 ވަނަ އަހަރު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ "ތޫނު ހަނދު ފާޅުވީ" ނުވަތަ "މޫނުބުރުގާ" މި ލަވަ އޮޕޭރާ ސްޓައިލަށް ކިޔައިގެން މަޝްހޫރުވި ކުޑަ ފިރިހެން ކުއްޖާގެ އަޙުސަން އިސްމާއިލް ނަސީރުގެ ވާހަކައެވެ. މިއަދު އަޙުސަން މިވަނީ އޭނާގެ ދިރިއުޅުމުގެ އާ ޞަފުޙާއެއް ހުޅުވާލާފައެވެ. އެއީ ޤައުމީ ޚިދުމަތުގައި ފުލުހެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ޞަފުޙާއެވެ.
އަޙުސަންގެ ނަން މުޅި ރާއްޖެއަށް މަޝްހޫރުވެގެންދިޔައީ މީގެ އަށް އަހަރު ކުރިންނެވެ. އެއީ ރާއްޖޭގައި އޭރު އެންމެ ފޯރިއާއެކު ކުރިއަށްދިޔަ 'މޯލްޑިވިއަން އައިޑޯލް' ސީޒަން 1 ގެ ފޯރި ގަދަވެފައިވާ ދުވަސްވަރެވެ. އެ މުބާރާތުގެ ގްރޭންޑް ފިނާލޭގައި ޑރ. ޝަމްރާޙު ހުށަހެޅި އޮޕޭރާ ލަވައަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. އޭރު އުމުރުން އެންމެ 14 އަހަރުގެ އަޙުސަން، އެ ލަވަ ކިޔޭތޯ ބަލާލަން ބޭނުންވީ ހަމަ މަޖަލަކަށެވެ.

2016 ވަނަ އަހަރު "ތޫނު ހަނދު ފާޅުވީ" ނުވަތަ "މޫނުބުރުގާ" ލަވަ އޮޕޭރާ ސްޓައިލަށް ކިޔައިގެން މަޝްހޫރުވި ކުޑަ ފިރިހެން ކުއްޖާގެ އަޙުސަން އިސްމާއިލް ނަސީރުގެ ވައިރަލް ވި ވީޑިއޯ
"އަސްލު އެއީ ވަރަށް ގިނައިން އެކަހަލަ ސަކަރާތް ޖަހައި އުޅުނު ދުވަސްވަރެއް. އައިޕެޑް ހިފައިގެން އެނދު މަތީގައި އޮވެގެން އެ ވީޑިއޯ ހެދީ،" އަޙުސަން އޭނާގެ މާޒީ ހަނދާން ކުރަމުން ތީރާ ވާހަކަ ދައްކަމުން ބުންޏެވެ.
އެ ވީޑިއޯ އާންމުވީ އޭނާގެ ކަޒިން ބޭބެއަކަށް އެ ފެނިގެން ފޭސްބުކް އަދި ޔޫޓިއުބަށް ލުމުންނެވެ. އެއާއެކު އަޙުސަން ވެގެންދިޔައީ ރާއްޖޭގެ 'ވައިރަލް' ތަރިއަކަށެވެ. ގިނަ ބަޔަކު އެ ވީޑިއޯ ބަލައި، އަޙުސަންގެ އެ ތަފާތު ހުށަހެޅުމަށް ޖޯކް ޖަހައި ކަންތައް ކުރިއެވެ. އަދި މިއަދާ ހަމަޔަށް ވެސް ސަމާސާ ކުރެއެވެ.
"'އައި ވޯޒް ރާއްޖޭގެ ލާފިންސްޓޮކް އޭރުގަ، މީހުން ހިޔެއް ވެސް ނުކުރާނެ މީ އެ އަހުސަން އެކޭ" އަހުސަން ބުންޏެވެ.
ކޮންމެ ކުއްޖަކުވެސް ކުޑައިރު ވާން ބޭނުންވާ ކަމެއް އޮވެއެވެ. އަޙުސަންގެ ފުރަތަމަ ހުވަފެނަކީ އޭވިއޭޝަން ދާއިރާއިން ކުރިއަށް ގޮސް ޕައިލެޓަކަށް ވުމެވެ. ނަމަވެސް، އުމުރުން ދުވަސްވަމުން އައި ވަރަކަށް އޭނާގެ ޝައުޤުވެރިކަން އެހެން ދާއިރާއަކަށް އެނބުރުނެވެ. އެއީ ފުލުހުންގެ މަސައްކަތެވެ. ފުލުހުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތަކާއި، ޤައުމީ ވާޖިބު އަދާކުރާ ގޮތް ފެނި، އެކަމަށް އޭނާގެ ހިތުގައި ލޯބި އުފެދުނެވެ. މީގެ އިތުރުން އޭނާގެ ބޭބެ މެންވެސް ފުލުހުންގެ ގޮތުގައި މަސަތްކަތް ކުރާތަން ފެނުމުން އެ ދާއިރާއާ ގުޅުމުގެ ޝައުޤުވެރިކަން އިތުރަށް ބޮޑުވެގެން ދިޔައެވެ.
"ޤައުމީ ޚިދުމަތަށް ނުކުމެ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އުފެދުނީ ފުލުހުންގެ މަސައްކަތްތައް ފެނުމުން،" އަޙުސަން ބުންޏެވެ.
އެންމެ ފަހުން އުމުރުން 21 އަހަރުގައި އަޙުސަން ނިންމީ ފުލުހުންގެ ޚިދުމަތާ ގުޅުމަށެވެ. މިއީ އޭނާގެ ދިރިއުޅުމުގައި ނިންމި އެންމެ މުހިންމު އެއް ނިންމުމެވެ. ފުލުހުންގެ ތަމްރީނަކީ ހަމައެކަނި ޖިސްމާނީ ގޮތުން ކުރާ މަސައްކަތެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންވެސް ވަރުގަދަ އިމްތިޙާނެކެވެ. އަޙުސަން ކިޔައިދިން ގޮތުގައި އާއިލާއާއި ގާތް ރައްޓެހިންނާ ވަކިވެ، އެކަނިވެރި މާޙައުލެއްގައި ތަމްރީނު ފުރިހަމަކުރުމަކީ އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

އަހުސަން ޕޮލިސް ޔުނިފޯމުގައި
"ތަމްރީނުގައި އުޅުނުއިރު ގޭގެ މަތިން ހަނދާންވެގެން ވަރަށް ގިނައިން ރޮވުނު. ހާއްސަ ކޮށް މަންމަ މެން މަތިން ހަނދާން ވާލެއް ބޮޑުކަމުން. އެންމެން މަތިން ވެސް ވަރަށް 'މިސް' ވި. އެކަމަކު އެ ހުރިހާ ދަތިތަކަކަށްވުރެ ޤައުމީ ޚިދުމަތަށް އޮތް ލޯބި ބޮޑުވި،" އަޙުސަން ކިޔައިދިނެވެ.
އެ ދުވަހު އޭނާ އޮހޮރުވި ކަރުނައަކީ މިއަދުގެ ކާމިޔާބީގެ ބިންގަލެވެ. އޭނާގެ ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުން ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލެވުނެވެ.
އަޙުސަންގެ ތަމްރީނު ނިމި، 'ޕާސިންގް އައުޓް ޕެރޭޑް' ބޭއްވުނު ދުވަހަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަހެވެ. ޓީވީގެ ކުރިމަތީގައި އޭނާގެ މަންމައާއި އާއިލާގެ މެންބަރުން އުފަލުން ތިބިއިރު، ބައްޕަ ހުރީ ސީދާ އެ މައިދާނަށް ހާޒިރުވެއެވެ. ދަރިފުޅު ފަޚުރުވެރި ފުލުހެއްގެ ޔުނީފޯމުގައި ފެނުމުން ބައްޕަގެ ލޮލުން ފެނުނު އުފާވެރިކަމާއި ފަޚުރަކީ އަޙުސަންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
މަންމަ ، ބައްޕަ އަދި އާއިލާ މީހުނާ ރައްޓެހިން ވެސް ތިބީ ވަރަށް އުފަލުން ވަރަށްް ޕްރައުޑް ވެފަ، ބައްޕަ އައީ ހަމަ އެތަނަށް މަރުހަބާ ކިޔަން، އަޙުސަން ބުންޏެވެ.
އަޙުސަން މިއަދު ހުރީ އޭނާގެ ހުވަފެން ޙަގީގަތަކަށް ވުމުން ﷲ އަށް ޙަމްދުކޮށް، އުފަލުންނެވެ. އޭނާ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ޤައުމަށް ޚިދުމަތް ކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެއް ކަމެވެ. ކުރިއަށްދާން ބޭނުންވާ ކޮންމެ މީހަކަށްމެ މި ދާއިރާގައި ގިނަގުނަ ފުރުޞަތުތައް ހުރިކަމަށް އޭނާ ބުނެއެވެ.
"މި ސާވިސްއަށް، ޤައުމީ ޚިދުމަތަށް، ވަކިން ޚާއްޞަކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ޝައުޤުވެރިކަން ހުންނަ ކޮންމެ މީހަކުވެސް ޖޮއިން ކުރަންވީ. މިއީ ކުރިއަށް ދާން ބޭނުންވާ މީހަކަށް ވަރަށް ބައިވަރު ފުރުޞަތުތައް އޮތް ކަމެއް،" "ތީރު މީޑިއާ" އާ ވާހަކަ ދައްކަމުން އަޙުސަން ބުންޏެވެ.
މިހާރުވެސް އެ ވީޑިއޯ އަކީ އޭނާގެ ދިރިއުޅުމުގަ ބޮޑު ރޯލް އެއްކުޅޭ ލަވައަކަށް ވީ ނަމަވެސް ސަކަރާތަކުން ފެށި ވީޑިއޯއަކުން މަޝްހޫރުވި އަޙުސަން މިއަދު ދައްކައިދެނީ ޒިންމާދާރު ޒުވާނެއްގެ ނަމޫނާއެވެ. އޭނާގެ މި ދަތުރަކީ ކޮންމެ ކަމެއްވެސް އަޒުމާއެކު ކޮށްފިނަމަ ކާމިޔާބުވާނެ ކަމުގެ ހެކިދޭ ދިރިހުރި މިސާލެކެވެ. މިއަދު އޭނާގެ އަޑަކީ ހަމައެކަނި ލަވަކިޔާ އަޑެއް ނޫނެވެ. އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަސްބުނާ ޤައުމީ ޚިދުމަތްތެރިއެއްގެ އަޑެވެ.
