އިނގުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު، ވިޓަމިންސް އަދި ގުދުރަތީ އެންޓިބަޔޮޓިކްސް އެކުލެވިގެންވާ "ސުޕަރފުޑް" އެއްގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރެއެވެ. އިނގުރުގެ ގަދަ ރަހައިގެ ސަބަބުން ބައެއް މީހުން މީގެ ބޭނުންކުރާ މިންވަރު މަދުވި ނަމަވެސް، މިއީ ދިވެހިންގެ އާންމު ކާބޯތަކެތީގައި ހިމެނުން ވަރަށް މުހިންމު ބާވަތެކެވެ.
އިނގުރު ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ މައިގަނޑު ސަބަބުތަކަށް ބަލާއިރު، ހެނދުނު ބޯ އިނގުރު ސަޔަކީ ހަށިގަނޑުގައި ވަރު ޖެއްސުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކޮށް ރޯގާއިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އާންމުކޮށް ބޭސް ބޭނުންކޮށްގެން ރަނގަޅުނުވާ މައިގްރެއިން ނުވަތަ ބޮލުގައި ރިއްސުމަށް ވެސް އިނގުރުން ބޮޑު ލުޔެއް ލިބިގެންދެއެވެ.
ބަނޑު ފުފުމާއި، ހުޅުހުޅުގައި ރިއްސުން ފަދަ އާންމު އުނދަގޫތަކަށް އިނގުރަކީ ގުދުރަތީ ފަރުވާއެކެވެ. ހާއްސަކޮށް އަންހެނުންނަށް މައްސަރު ދުވަސްވަރު ދިމާވާ ބަނޑުގައި ރިއްސުމާއި ވޭންތަކަށް، ގިނަ ބޭސްތަކެއް ބޭނުންކުރުމުގެ ބަދަލުގައި އިނގުރު ބޭނުންކުރުމުން ބޮޑު ލުޔެއް ލިބޭކަން ވަނީ ފާހަގަކުރެވިފައެވެ.
ހަކުރު ބައްޔާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވެސް އިނގުރަކީ މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ގަވާއިދުން އިނގުރު ބޭނުންކުރުމަކީ ލޭ ދައުރުވުން ހަމައަކަށް އަޅުވައިދީ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.
އިނގުރު ކެއުމުގައި ބޭނުންކުރެވިދާނެ ގޮތްތަކަށް ބަލާއިރު، ތަރުކާރީ ނުވަތަ ކުކުޅު ސޫޕް ތައްޔާރުކުރާއިރު އޭގެ ތެރެއަށް އިނގުރު ގާނާފައި އެޅުމަކީ އޭގެ ފައިދާ ލިބޭނެ ކަމެކެވެ. މީގެ އިތުރުން މަސް ފިހާއިރު ނުވަތަ ތަފާތު ސޯސްތައް ތައްޔާރުކުރާއިރު ވެސް ހަވާދުގެ ބާވަތެއްގެ ގޮތުގައި އިނގުރު ބޭނުންކުރެވިދާނެއެވެ. ނަމަވެސް އިނގުރަކީ ރަހަ ގަދަ އެއްޗަކަށް ވާތީ، މާ ގިނައިން ބޭނުންކުރުމުގެ ބަދަލުގައި މެދުމިންވަރަކަށް ބޭނުންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ރިފަރެންސް:މި ލިޔުމަކީ އިނގުރުގެ ސިއްހީ ފައިދާތަކާ ގުޅޭގޮތުން ސައިންސު ޑެއިލީ 2026 ގައި ތައްޔާރުކުރެވިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
