މައިގްރޭން އަކީ ހަމައެކަނި ބޮލުގައި ރިއްސާލުމެއް ނޫނެވެ. މިއީ ނިއުރޮލޮޖިކަލް ނުވަތަ ނާރުތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މެދުވެރިވާ ސިއްހީ ބޮޑު ބައްޔެކެވެ. މި ބަލި ތަހައްމަލުކުރާ މީހުންގެ ބޮލުގައި އާދަޔާޚިލާފަށް ގަދައަށް ރިއްސުމުގެ ސަބަބުން، ދިރިއުޅުމުގެ އާންމު މަސައްކަތްތަކަށް ހުރަސްއެޅި، ތެދުވެ އުޅެންވެސް ދަތިވާ ހިސާބަށް ކަންތައްތައް ދެއެވެ. މިގޮތުން ބޮލުގެ އެއްފަރާތެއްގައި ނުވަތަ ދެފަރާތުގައި ގަދައަށް ވިންދު ޖެހުމާއެކު، ދެތިން ދުވަސް ވަންދެން ވެސް ތަދު ނުކެނޑި ހުރެދާނެއެވެ. މީގެ އިތުރުން މޭނުބައިކުރުމާއި، ހޮޑުލުމާއި، އަދި އަލި ނުވަތަ ގަދަ އަޑަށް އުނދަގޫވުމަކީ ވެސް މައިގްރޭންގެ މައިގަނޑު އަލާމާތްތަކެވެ. އެއްވެސް ކަހަލަ ހަރަކާތެއް ނުވަތަ މަސައްކަތެއް ކުރުމުން މި ރިހުން އިތުރަށް ގޯސްވެގެންދެއެވެ.
މައިގްރޭން އަކީ ސްކޭންތަކުން ނުވަތަ އެކި ކަހަލަ ޓެސްޓުތަކުން ފެންނަން ހުންނަ ބައްޔެއް ނޫނެވެ. މިއީ ރާއްޖޭގައި ވަރަށް އާންމު ބައްޔެއް ކަމަށްވާއިރު، މި ބަލި އެންމެ ގިނައިން ތަހައްމަލު ކުރަމުންދަނީ އަންހެނުންނެވެ. ބަލި މެދުވެރިވާ ސަބަބުތަކާއި ބަލީގެ އަސަރު ކުރާ މިންވަރު އެކި މީހުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތެވެ. އެގޮތުން ބައެއް ފަހަރު ކެއުމާއި ބުއިމުގެ އާދަތަކުގެ ސަބަބުން މައިގްރޭން އެޓޭކެއް އަތުވެދާނެއެވެ. މީގެ ތެރޭގައި ހަކުރު ގިނަ ބާވަތްތަކާއި، ކެފެއިން ހިމެނޭ ތަކެއްޗާއި، ޗޮކްލެޓާއި، ޗީޒް އަދި ދަޅުގައި ބަންދުކުރާ މަހުގެ ބާވަތްތައް ހިމެނެއެވެ.
ކެއުމުގެ އިތުރުން ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ވެސް މި ބަލި ފެންމަތިވެއެވެ. ހަމަނިދި ނުލިބުމާއި ގަޑިން ގަޑިއަށް ނުކެއުމަކީ މައިގްރޭން މެދުވެރިވާ ސަބަބުތަކެވެ. ހަމައެހެންމެ، ކަންކަމާ މާބޮޑަށް ފިކުރުކޮށް ކަންބޮޑުވުމުގެ ސަބަބުން ބޮލުގައި ރިއްސާ ރިހުން ގިނަ ދުވަސްވާނަމަ، އެ ރިހުން މައިގްރޭންއަށް ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގެ ހޯމޯންއަށް އަންނަ ބަދަލުތަކާއި ލޭގެ ޕްރެޝަރުގެ މައްސަލަތަކަކީ ވެސް މައިގްރޭންއަށް މަގުފަހިވާ ސިއްހީ ކަންކަމެވެ.
މައިގްރޭން އަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. އެހެންކަމުން، މިފަދަ އަލާމާތްތައް ފެންނަނަމަ، ނުވަތަ ބޮލުގެ ރިހުން އާދަޔާޚިލާފަށް ބޮޑުވާނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަކީ ދިގު މުއްދަތަކަށް ބަލިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެކެވެ.
ރިފަރެންސް:މި ލިޔުމަކީ މައިގްރޭންގެ އަލާމާތްތަކާއި، އެ ބަލި މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން ސިއްހީ މާހިރުން ދެއްވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ސައިންސު ޑެއިލީ 2026 ގައި ހާމަކޮށްފައިވާ މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ލިޔުމެކެވެ.
