ބޮލުގައި ރިއްސުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމުކޮށް ދިމާވާ، ނަމަވެސް އޭގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. ބޮލުގައި ރިއްސަން ފެށުމުން ދިރިއުޅުމުގެ އާންމު މަސައްކަތްތަކަށް ހުރަސްއެޅި، ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވެ، ނިދުމަށްވެސް އުނދަގޫތަކާ ކުރިމަތިވެއެވެ. މިފަދަ ހާލަތްތަކުގައި ބޭސް ބޭނުންކުރުމުގެ ކުރިން ގޭގައި ކުރެވިދާނެ ބައެއް ފަސޭހަ ކަންތައްތަކެއް ސިއްހީ މާހިރުން ލަފާދެއްވައެވެ.

އެގޮތުން ބޮލުގައި ރިއްސާނަމަ، ނިއްކުރީގައި އައިސް ޕެކެއް ނުވަތަ ފިނި ފެނުން ތެންމާފައިވާ ތުވާލިކޮޅެއް ބާއްވައިގެން ބޮނޑިތާންކުރުމަކީ ރިހުން ކުޑަކޮށްދޭ ކަމެކެވެ. އައިސް ޕެކެއް ނެތް ނަމަ، ގަނޑުކޮށްފައި ހުރި ތަރުކާރީ ކޮޅެއް ބޭނުންކޮށްގެންވެސް މިކަން ކުރެވިދާނެއެވެ. މިއީ ހާއްސަކޮށް މައިގްރޭންގެ އުނދަގޫ ހުންނަ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ.

ނަމަވެސް، ރިއްސަނީ ނުތަނަވަސްވުމުގެ ސަބަބުން (ޓެންޝަން ހެޑޭކް) ނަމަ، ހީޓިންގް ޕެޑެއް ބޭނުންކޮށްގެން ކަނދުރާ ބޮނޑިތާންކުރުން ރަނގަޅެވެ. އަދި ސައިނަސްގެ ސަބަބުން ބޮލުގައި ރިއްސާނަމަ، ހޫނު ފެނަށް ލާފައިވާ ފޮތިކޮޅަކުން ރިއްސާ ސަރަހައްދު ފިތާލުމަކީ ލުއި ލިބޭނެ ކަމެކެވެ.

އަޅުގަނޑުމެންގެ ބައެއް އާދަތަކަކީވެސް ބޮލުގައި ރިއްސަން މެދުވެރިވާ ސަބަބުތަކެކެވެ. އަންހެނުން އިސްތަށިގަނޑު މާ ބާރަށް އައްސާފައި ހުރުމަކީ ބޮލުގައި ރިއްސަން މެދުވެރިވާ ކަމަކަށްވާތީ، ރިއްސާނަމަ އިސްތަށިގަނޑު ދޫކޮށްލުން މުހިންމެވެ. ހަމައެއާއެކު، ގިނަ ވަގުތު ކޮމްޕިއުޓަރު ސްކްރީނަށް ބަލަން އިނުމާއި، ގޭތެރޭގައި ބޭނުންކުރާ ބައެއް ބޮކިތަކުގެ އަލީގެ ސަބަބުންވެސް މި މައްސަލަ ދިމާވެއެވެ.

ބޮލުގައި ރިއްސާ ވަގުތުތަކުގައި ޗުއިންގަމް ކެއުމާއި ނިޔަފަތި ކެއުން ފަދަ ކަންކަމުން ދުރުހެލިވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އެއީ މިކަންކަމުގެ ސަބަބުން ދަތްދޮޅީގެ މަސްތަކަށް ބާރުވެ، ބޮލުގެ ރިހުން އިތުރަށް ގޯސްވާތީއެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މިފަދަ ގޭތެރޭގެ ފަރުވާތަކުން ލުޔެއް ނުލިބި ރިހުން ދިގުލައިގެންދާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ފަރުވާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

 

 

ރިފަރެންސް:މި ލިޔުމަކީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މައްޗަށް ބިނާކޮށް، ސައިންސު ޑެއިލީ 2026 ގައި ހާމަކޮށްފައިވާ މައުލޫމާތުގެ މައްޗަށް، ބޮލުގައި ރިއްސުމަށް ގޭގައި ދެވިދާނެ ފަރުވާތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.