އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގައި ފެނަކީ ކޮންމެހެން ބޭނުންތެރި، އެހާމެ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް މާއްދާއަކީ ވެސް ފެނެވެ. ފެނާ ނުލައި އިންސާނާއަށް ދިރިހުރުމަކީ އުނދަގޫ ކަމަކަށް ވާއިރު، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބުމަކީ ޖިސްމާނީ އަދި ނަފުސާނީ ގޮތުން އެތައް ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ.
ބަރުދަން ލުއިކުރުމަށްޓަކައި ގިނަ ބަޔަކު ތަފާތު އެކި ކަހަލަ ޑައިޓްތަކާއި ބުރަ ކަސްރަތުތައް ކުރަމުން ދާއިރު، ގިނަ ފަހަރަށް ފެން ބުއިމަށް ފަރުވާކުޑަ ކުރެވެއެވެ. ނަމަވެސް، ކެއުމުގެ ކުރިން ދެ ތަށި ފެން ބޯނަމަ ބަރުދަން ލުއިކުރުމަށް ބޮޑު އެހީއަކަށް ވެއެވެ. ހަށިގަނޑު ފަލަވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ މާގިނައިން ކެއުން ކަމަށްވާއިރު، ކެއުމުގެ ކުރިން ފެން ބުއިމުން ބަނޑުފުރޭ ގޮތްވެ، މަދުން ކެއުމަށް މަގުފަހިވެއެވެ.
ބަރުދަނުގެ އިތުރުން، ރީތިވުމަށް ލޯބިކުރާ ފަރާތްތަކަށް ވެސް ފެނަކީ ރަނގަޅު އެކުވެރިއެކެވެ. ފެނުގެ ސަބަބުން މޫނުމަތި ތާޒާކޮށްދީ ހަންގަނޑު ރީތިކޮށްދެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު އެންމެ މަދުވެގެން ހަތެއް ނުވަތަ އަށް ތަށި ފެން ބުއިމަކީ އާދައަކަށް ހަދަންޖެހެއެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުބޮވޭނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އޭގެ ތެރޭގައި އަވަހަށް ވަރުބަލިވުމާއި، ބޮލުގައި ރިއްސުމާއި، މަސްގުޅަ ކެއުން ފަދަ އުނދަގޫތައް ހިމެނެއެވެ. އަދި ހަށިގަނޑުން ފެންމަދުވެ 'ޑީހައިޑްރޭޓް' ވުމުގެ ސަބަބުން ކިޑުނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމަށް ޖެހޭ އެކި ބަލިތަކުގެ ނުރައްކާ ބޮޑުވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ފެނަކީ މައިގްރޭން އާއި ކެންސަރު ބަލީގެ ފަރުވާއެއްގެ ގޮތުގައި ވެސް ބެލެވިދާނެ އެއްޗެކެވެ. އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ހަމުގެ ބަލިތަކުން ރައްކާތެރިކޮށްދީ، ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި، އިންސާނާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރެފަރެންސް: ސައިންސް ޑެއިލީ 2026
