އިންސާނާގެ ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލްކޮށް، ގުނަވަންތަކަށް އިރުޝާދު ދެނީ ސިކުނޑިންނެވެ. ނަމަވެސް، މައިބަދާގެ ނާރުގެ ނިޒާމަށް ލިބޭ ބޮޑެތި އަނިޔާތަކުގެ ސަބަބުން، ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ވާގިނެތި، ހަރަކާތްތެރިވުމުން މަހުރޫމުވެއެވެ. މިއީ ދުނިޔޭގެ އެތައް މިލިއަން ބަޔަކު ތަހައްމަލު ކުރަމުންދާ ވަރަށް ހިތްދަތި ހާލަތެކެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި، މައިބަދާގެ ނާރުގެ ނިޒާމަށް އަނިޔާވެ ވާގިނެތިފައިވާ ގިނަ މީހުންގެ ސިކުނޑި އަދިވެސް ހުންނަނީ ސަލާމަތުންނެވެ. އަދި ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރި ކުރުވުމަށް ބޭނުންވާ ސިގްނަލްތައް ނުވަތަ އިރުޝާދުތައް ސިކުނޑިން ކުރިއެކޭވެސް އެއްފަދައިން ފޮނުވަމުންދެއެވެ. ނަމަވެސް، މި ސިގްނަލްތައް ގުނަވަންތަކާ ހަމައަށް ފޯރުކޮށްދޭ "މަގު" ނުވަތަ ނާރުގެ ނިޒާމު ހަލާކުވެފައިވުމުން، އެ އިރުޝާދުތަކަށް އަމަލުކުރުމުގެ ފުރުސަތު ހަށިގަނޑަށް ގެއްލެނީއެވެ.

ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ސިކުނޑީގެ މި "ބްރެއިން ވޭވްސް" ނުވަތަ އިލެކްޓްރިކަލް ސިގްނަލްތައް ސީދާ ދެނެގަނެ، އެހެން ވަސީލަތެއްގެ އެހީގައި އެއަށް އަމަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. މި ޓެކްނޮލޮޖީގެ އެހީގައި، ބަލިމީހާގެ ސިކުނޑިން "އަތް ހަލުވާލަން" އަންގާ އިރުޝާދު ކޮމްޕިއުޓަރަކުން ދެނެގަނެ، އެއަށްފަހު ރޮބޮޓިކް ގުނަވަނަކަށް ނުވަތަ މަސްތަކަށް ސީދާ ހަރަކާތް އަންނާނެ ގޮތް ހެދިދާނެއެވެ.

މިފަދަ ހޯދުންތަކަކީ ވާގިނެތިފައިވާ މީހުންނަށް އެމީހުންގެ އަމިއްލަ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް ލިބޭ ވަރަށް ބޮޑު އުންމީދެކެވެ. ސިކުނޑީގެ ސިގްނަލްތައް ބޭނުންކޮށްގެން އަލުން ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވުމަކީ ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އެހެން މީހުންގެ އެހީތެރިކަމާ ނުލައި އުޅުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ސިއްހީ ދާއިރާގައި ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2026