އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ "ގޯލްޑަން ފުޓްސަލް" ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ލަކީޑްރޯއިން، ދެވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ މާލެއަށް ނިސްބަތްވާ އަލީ ޝާހިދެވެ.
މި ޕްރޮމޯޝަނަކީ ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި މިހާރު ފޯރިއާއެކު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތާ ދިމާކޮށް އުރީދޫއިން ފަށާފައިވާ ހާއްސަ ހަރަކާތެކެވެ. މުބާރާތުގެ މެޗުތައް ކުޅޭ ދުވަސްތަކުގައި، ދަނޑު ސަރަހައްދުގައި ހުންނަ އުރީދޫ ޓެންޓުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި ލަކީޑްރޯގައި ބައިވެރިވުމަށްޓަކައި އެ ކުންފުނީގެ ޓެންޓުން ވަކި ހިދުމަތްތަކެއް ހޯދަން ޖެހެއެވެ. އޭގެ ތެރޭގައި ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓްގެ ހިދުމަތްތައް ނުވަތަ 5ޖީ ޑިވައިސްއެއް ގަތުން ހިމެނެއެވެ. މިއިން ކޮންމެ ހިދުމަތެއް ހޯދައިގެން ވެސް އަގުހުރި އިނާމުތައް ލިބޭ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިނުމަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގައި ގޭތެރޭގައި ބޭނުންކުރާ މުހިންމު ސާމާނު ހިމެނެއެވެ. އޭގެ ތެރޭގައި ބޮޑު ޓީވީ، ފްރިޖް، ސޯފާ އަދި މައިކްރޯވޭވް އަވަން ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ވެސް ވަރަށް ހާއްސަ އިނާމެއްގެ ގޮތުގައި، ކޮންސިއާޖް ގްރޫޕުން ހުށަހަޅާފައިވާ މެލޭޝިއާ ދެކޮޅު ޓިކެޓް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.
މި މުބާރާތް އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެހެންކަމުން މުބާރާތް ނިމެންދެން، ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މެޗު ބަލަން ދަނޑަށް ޒިޔާރަތްކުރާ ފަރާތްތަކުން އުރީދޫ ޓެންޓަށް ޒިޔާރަތްކޮށްގެން މި ފުރުސަތުތައް ބޭނުންކުރުމަށް އެ ކުންފުނިން އެދެއެވެ.
