އިންޓަނޭޝަނަލް އެޑިއުކޭޝަން ޑޭއާ ގުޅުވައިގެން، ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން "ދިރާގު ސްޓޫޑެންޓް ކަނެކްޓް" ގެ ނަމުގައި އާ ޕްރޮގްރާމެއް ދިރާގުން ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ދިރާގުގެ މައި އޮފީހުގައި ވަނީ "އައިސިކް އެޑިޝަން" ގެ ނަމުގައި ފޯރިގަދަ ހަރަކާތެއް ބާއްވާފައެވެ.

މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް ގޭމިންގ އާއި މުނިފޫހިފިލުވުމުގެ ތަފާތު ކަންތައްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މި ހަރަކާތަށް ޒިޔާރަތްކުރި ދަރިވަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން، "ދިރާގު އެކްސް އައިސިކް" ސްޓޫޑެންޓް ޑިސްކައުންޓް ކާޑުގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ވަނީ މުޅިން ހިލޭ ދީފައެވެ. މި ކާޑު މެދުވެރިކޮށް ދަރިވަރުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި އައުޓްލެޓްތަކުން ހާއްސަ އޮފާތަކާއި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.

ދިރާގުން މިފަދަ ހަރަކާތެއް ފެށުމުގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި، އެ ކުދިންގެ ތައުލީމީ ހަޔާތާއި މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ، ޒުވާނުން އިހުތިޔާރުކުރާ މުސްތަގުބަލަކަށް ވާސިލުވުމަށް ބޭނުންވާ އަގުހުރި ފުރުސަތުތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ދިރާގުގެ ޑިރެކްޓަރު އޮފް ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ފާހަގަކުރެއްވި ގޮތުގައި، ދިރާގުގެ އަމާޒަކީ ޑިޖިޓަލްކޮށް ކުރިއަރަމުން އަންނަ ޒަމާނެއްގައި، އޭއައި ވަސީލަތްތަކާއި ހައި ސްޕީޑް އިންޓަނެޓް ބޭނުންކޮށްގެން ދަރިވަރުންނަށް ތައުލީމީ ދާއިރާއިންނާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމެވެ. މި ހަރަކާތުގައި ބައިވެރިވި އައިސިކް މޯލްޑިވްސްގެ ފަރާތުން ވަނީ ދިރާގުގެ މި އިސްނެގުމަށް ޝުކުރު އަދާކޮށްފައެވެ.