ހަކުރުބައްޔަކީ މިހާރު މަދު ބަޔަކަށް ޖެހޭ ނުވަތަ ދުރުގައިވާ ސިއްހީ ކަންބޮޑުވުމެއް ނޫނެވެ. މިއީ 21 ވަނަ ގަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސިއްހީ ގޮންޖެހުމެވެ. މި ބަލީގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް އަސަރުކޮށް، ދުނިޔޭގެ އާންމު ސިއްހަތުގެ އިސްކަންދޭ ކަންކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންގެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ކޮންމެ ނުވަ ބޮޑު މީހަކުން އެކަކީ ހަކުރުބަލި ހުންނަ މީހެކެވެ. އެއީ ގާތްގަނޑަކަށް 589 މިލިއަން މީހުންނެވެ. މީގެ ތެރެއިން ބޮޑު ބަޔަކަށް އެމީހުންގެ ކިބައިގައި މި ބަލި ހުރިކަން ނޭނގޭއިރު، މީގެ ސަބަބުން ހިތުގެ ބަލިތަކާއި، ކިޑްނީ ފެއިލްވުމާއި، ފެނުން ދަށްވުމާއި ނާރުތަކަށް ލިބޭ ގެއްލުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.

ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ހަކުރުބަލި އިތުރުވެފައިވާ މިންވަރު ހައިރާންވާހާ ބޮޑެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެހެނިހެން ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާގޮތުގައި، 1990 ވަނަ އަހަރުން ފެށިގެން ހަކުރުބަލި ހުންނަ ބޮޑެތި މީހުންގެ އަދަދު ވަނީ ހަތަރު ގުނައަށްވުރެ އިތުރުވެފައެވެ. އަދި މުއްސަނދި ގައުމުތަކާއި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައިވެސް މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓައިޕް 2 ހަކުރުބައްޔެވެ. މިއީ ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ ބައްޔެކެވެ. އޭގެ ތެރޭގައި ނުރަނގަޅު ކާނާ ކެއުމާއި، ހަރަކާތްތެރިވެ އުޅުން މަދުވުމާއި، ބަރުދަން އިތުރުވުމާއި، ދުންފަތުގެ އިސްތިރުމާލުކުރުން އަދި އުމުރުން ދުވަސްވުން ހިމެނެއެވެ. ދުނިޔޭގައި ހަކުރުބަލި ޖެހިފައިވާ މީހުންގެ 90 އިންސައްތައަށްވުރެ ގިނައީ ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންނެވެ.

ނަމަވެސް ހަކުރުބަލީގެ ނުރައްކަލަކީ ހަމައެކަނި ހިސާބުތަކެއް ނޫނެވެ. ހަކުރުބައްޔާއެކު ދިރިއުޅެމުންދާ ވަކިވަކި ފަރުދުންނާއި އާއިލާތައް ތިބެންޖެހެނީ އަބަދުމެހެން ސަމާލުވެއެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ގަވާއިދުން ލޭގައި ހަކުރު ހުރި މިންވަރު ބެލުމާއި، ޑޮކްޓަރުން އިރުޝާދުދޭ ގޮތަށް ބޭސް ބޭނުންކުރުމާއި، ކާނާގެ ބާވަތްތައް ރަނގަޅަށް އިޚްތިޔާރު ކުރުމާއި، އަދި ހަރަކާތްތެރިވެ އުޅުން ހިމެނެއެވެ. މީގެ އިތުރުން، ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާކުރުމުގައި ދިމާވާ ނަފްސާނީ އަދި އިޖުތިމާއީ އުނދަގޫތަކާއި، ސްޓްރެސްއާއި، އަދި ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކާވެސް ކުރިމަތިލާން ޖެހެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ހަކުރުބަލީގެ ވަބާގައި އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ ބަލި ހުރިކަން ނޭނގި ތިބޭ މީހުންގެ އަދަދު ގިނަކަމެވެ. އަންދާޒާ ކުރެވޭ ގޮތުގައި ދުނިޔޭގެ 250 މިލިއަނަށްވުރެ ގިނަ ބޮޑެތި މީހުން ދިރިއުޅެމުންދަނީ އެމީހުންގެ ހަށިގަނޑުގައި ހަކުރުބަލި ހުރިކަން ނޭނގިއެވެ. މީގެ ސަބަބުން، ބަލީގެ ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ގެއްލިގެންދެއެވެ.

ގިނަ ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ވަނީ ހަކުރުބަލީގެ ފަރުވާއަށް އޮތް ބޮޑު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވެފައެވެ. ވަރަށް ގިނަ ސަރަހައްދުތަކުގައި، ޚާއްސަކޮށް އާމްދަނީ ދަށް ގައުމުތަކުގައި، ހަކުރުބަލީގެ އަސާސީ ފަރުވާއާއި ބޭސް ލިބުމުގެ ފުރުސަތު އަދިވެސް އޮތީ ވަރަށް ހަނިކޮށެވެ. ނަތީޖާއެއްގެ ގޮތުން، ހަކުރުބަލި ހުންނަ ގިނަ ބަޔަކަށް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ނުވަތަ ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ފަރުވާ ނުލިބެއެވެ.

މި ގޮންޖެހުންތަކާއެކުވެސް، ކަމާބެހޭ މާހިރުން ވިދާޅުވަނީ ބަލި އަވަހަށް ދެނެގަނެވި، ފުރިހަމަ ފަރުވާއާއި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން ހަކުރުބަލި ކާމިޔާބުކަމާއެކު މެނޭޖްކުރެވިދާނެ ކަމަށެވެ. ކާނާއާއި ކަސްރަތާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލައަށް ބަލި މެނޭޖްކުރާނެ ގޮތުގެ އިރުޝާދުދޭ އިޖުތިމާއީ ޕްރޮގްރާމްތަކާއި، އަދި ސިއްހީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ހަކުރުބަލީގެ ނުރައްކާ ދުނިޔެއިން ކުޑަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.ދުނިޔޭގެ ސިއްހީ ދާއިރާގެ އިސްވެރިން ދަނީ ބަލި އަވަހަށް ދެނެގަތުމަށާއި ބަލިން ރައްކާތެރިވުމަށް އައު އަހައްމިއްޔަތުކަމެއް ދިނުމަށް ގޮވާލަމުންނެވެ. އަދި ހަކުރުބަލި އިތުރުވަމުންދާ ދިއުން މަޑުޖައްސާލުމަށާއި، މި ބަލީގައި އުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސަރުކާރުތަކާއި، ސިއްހީ ނިޒާމުތަކާއި، މުޖުތަމައުތަކާއި، އަދި ފަރުދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލަމުންދާއިރު، މިލިއަނުން ގުނާލެވޭ މީހުންގެ ތަޖުރިބާތަކުން ހަނދާންކޮށްދެނީ ހަކުރުބައްޔަކީ ހަމައެކަނި ތަފާސްހިސާބެއް ނޫންކަމެވެ. އެއީ ދާއިމީ ބައްޔަކާ ކުރިމަތިލައިގެން، ދުޅަހެޔޮކަމާއި، ހަމަޖެހުމާއި، އަދި ކަރާމާތްތެރި ދިރިއުޅުމަކަށް މަސައްކަތްކުރަމުންދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގިނަގުނަ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ހަގީގަތެވެ.

 

ރިފަރެންސް: އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ