ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ހާއްސަކޮށްގެން، އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ "ބަލްކް ޕޭމަންޓް" ގެ ހިދުމަތް ތައާރަފްކޮށްފިއެވެ. މިއީ ވިޔަފާރިތަކުގެ މާލީ ކަންކަން ހިންގުމުގައި ލުއިފަސޭހަކަން ގެނެސްދިނުމުގެ ގޮތުން އެ ބޭންކުން ފެށި އާ ހިދުމަތެކެވެ.
މި ހިދުމަތް މެދުވެރިކޮށް ކުންފުނިތަކާއި ވިޔަފާރިތަކަށް މުވައްޒަފުންގެ މުސާރައާއި، އެލަވަންސް އަދި ހިއްސާގެ ފައިސާ ނުވަތަ ޑިވިޑެންޑް ފަދަ ފައިސާ އެއްފަހަރާ ގިނަ އަދަދެއްގެ އެކައުންޓްތަކަށް ފޮނުވާލެވޭނެއެވެ. މި ހިދުމަތް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، އޮޓޮމޭޓެޑްކޮށް ކުރިއަށް ގެންދެވޭނެ ގޮތަށެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ހިދުމަތް ބޭނުންކޮށްގެން ދިވެހި ރުފިޔާ އާއި ޑޮލަރުން ވެސް މުއާމަލާތް ކުރެވޭނެއެވެ. އަދި ބޭންކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ކަންކަން އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއެކު އަވަހަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު މި ހިދުމަތުގެ ސަބަބުން ހަމަޖެހިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ބުނީ، ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، އެއްވެސް ތަކްލީފެއް ނެތި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޒަމާނީ ހައްލުތައް ހޯދައިދިނުމަށެވެ. އަދި އީޖާދީ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭންކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
