ކައި ނިމޭތާ މާގިނައިރުތަކެއް ނުވަނީސް ބަނޑުހައިވެ، ހަމައެކަނި ފޮނި އެއްޗެއް ކާލަން ހިތަށް އެރުމުގެ ބަދަލުގައި، ހަގީގަތުގައިވެސް ބަނޑުން އަޑުގޮވާ ވަރަށް ބަނޑުހައިވުމަކީ އާންމުކޮށް ތިބާގެ ކެއުމުގައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ކަމަށްވާ ޕްރޮޓީން، ފައިބަރ، އަދި ހެލްތީ ފެޓްސް (ސިއްހަތަށް ފައިދާހުރި ސަރުބީ) މަދުވުމުގެ ނިޝާނެކެވެ. މި މާއްދާތަކުގެ ސަބަބުން ކާނާ ހަޖަމުވުން ލަސްކޮށްދީ، ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ބަނޑުހައިވުމުން ދުރުކޮށްދެއެވެ.
ގިނައިރު ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދޭ 5 ކާނާއަކީ:
1. އެވޮކާޑޯ
އެވޮކާޑޯއަކީ "މޮނޯއަންސެޗުރޭޓެޑް ފެޓްސް" އާއި ފައިބަރއިން މުއްސަނދިވެފައިވާ މޭވާއެކެވެ. މީގައި ހުންނަ ސަރުބީގެ ސަބަބުން ހަޖަމުވުން ލަސްކޮށްދޭއިރު، ފައިބަރުގެ ސަބަބުން ބަނޑުފުރިފައި ހުންނަ އިހުސާސް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެވަކާޑޯ ކެއުމަކީ ކޮލެސްޓްރޯލް ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމަށާއި، ދުވަހުގެ ބާކީ ބައިގައި ސިއްހަތަށް ފައިދާހުރި ކާނާ އިޚްތިޔާރުކުރުމަށް ބާރުއަޅައިދޭ ކަމެކެވެ.
2. އަލުވި
އަލުވީގައި ފެން ގިނައިން ހުރުމާއި "އެނާޖީ ޑެންސިޓީ" ދަށްވުމުގެ ސަބަބުން، މިއީ ބަނޑުފުރައިދޭ ކާބޯހައިޑްރޭޓްސްގެ މުހިންމު މަސްދަރެކެވެ. މީގެ މާނައަކީ އެހެން ކާބްސްތަކާ އަޅާބަލާއިރު، މަދު ކެލޮރީއާއެކު ގިނަ އަދަދަކަށް އަލުވި ކެވިދާނެއެވެ. އަދި މީގައި ހުންނަ "ރެސިސްޓަންޓް ސްޓާޗް" އަކީ ލަހުން ހަޖަމުވާ މާއްދާއަކަށް ވުމުން، ގިނައިރު ބަނޑުފުރިފައި ހުރުމަށް އެހީވެއެވެ. ކައްކާފައި ހުންނަ އަލުވި ފިނިކުރުމުން އޭގައި ހުންނަ ރެސިސްޓަންޓް ސްޓާޗްގެ މިންވަރު އިތުރުވެއެވެ.
3. ޗިކަން ބްރެސްޓް
ޗިކަން ބްރެސްޓަކީ ފެޓް މަދު، ރަނގަޅު ފެންވަރުގެ ޕްރޮޓީން ލިބިދޭ އެއްޗެކެވެ. މިއީ ބަނޑުފުރިފައި ހުރުމަށާއި މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް މުހިންމު އެއްޗެކެވެ. 4 އައުންސްގެ ކުކުޅު މަސްކޮޅެއްގައި ގާތްގަނޑަކަށް 35 ގްރާމް ޕްރޮޓީން ހިމެނެއެވެ.
4. ގްރީކް ޔޯގަޓް
ގްރީކް ޔޯގަޓްގައި ހިމެނޭ ޕްރޮޓީން އަދި ފެޓްގެ ސަބަބުން ބަނޑު ހުސްވުން ލަސްކޮށްދީ، ބަނޑުހައިވުން ކުޑަކޮށްދެއެވެ. މީގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ކެއުންތަކުގެ ދެމެދުގައި އެކި އެއްޗެހި ކާން ބޭނުންވާ މިންވަރު މަދުކޮށްދެއެވެ.
5. ބީންސް
ތޮޅީގެ ބާވަތްތަކުން ފައިބަރާއި ޕްރޮޓީން އެކުއެކީގައި ލިބިދެއެވެ. މި ދެ މާއްދާ ގުޅިގެން ގިނައިރު ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދެއެވެ. މިސާލަކަށް، ބައި ޖޯޑު "ބްލެކް ބީންސް" އިން ގާތްގަނޑަކަށް 7.5 ގްރާމް ފައިބަރާއި 7.5 ގްރާމް ޕްރޮޓީން ލިބެއެވެ.
ކެއުންތަކުގެ ދެމެދުގައި މާ އަވަހަށް ބަނޑުހައިވާނަމަ، އޭގެ މާނައަކީ ތިބާގެ ކެއުމުގައި ފައިބަރ، ޕްރޮޓީން، އަދި ހެލްތީ ފެޓްސް އިތުރުކުރަން ޖެހެއެވެ. މި ފަސް ބާވަތަކީ ގިނައިރު ބަނޑުފުރިފައި ހުރުމަށާއި ހަށިގަނޑުގެ ހަކަތަ ހިފެހެއްޓުމަށް ބޭނުންކުރެވިދާނެ ފަސޭހަ އަދި ފައިދާހުރި ބާވަތްތަކެކެވެ.
