މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ "ބޭސިކް މެރިކަލްޗަ ޓްރެއިނިން ކޯސް" ފަށައިފިއެވެ. މި ކޯހުގައި ފާނަ އާއި ހުއިފިލަނޑާގެ އިތުރުން ސީވީޑް ކަލްޗަރ ނުވަތަ މޫދުވިނަ އާލާކުރާނެ ގޮތުގެ ތިއަރީ ބައިވެސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދަނީ ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައެވެ. މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 މީހުން ވަނީ ބައިވެރިވެފައެވެ. މިއާއެކު، މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 މީހުން ވަނީ ތަމްރީނުކޮށްފައެވެ.
މި ކޯހުގައި ބައިވެރިންނަށް އެކުއަކަލްޗަ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމުގެ ހުނަރު ދަސްކޮށްދޭނެއެވެ. ވަކިން ހާއްސަކޮށް ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރާނެ ގޮތް ކިޔަވައިދޭނެއެވެ. އަދި އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް މި މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ތަޖުރިބާ ވެސް ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިއީ ސީވީޑް ކަލްޗަ ކުރުމަށް ބޭނުންވާ ތިއަރީ ބައި ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރުމާއި އެކުއަކަލްޗަ ހުނަރު ޒުވާނުންނަށް ދަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. ރައީސްގެ އިރުޝާދާއެކު، އަހަރަކު ދެ ފަހަރު ބާއްވަމުން އައި މި ކޯސް މިހާރު ވަނީ ހަތަރު ފަހަރަށް އިތުރުކޮށްފައެވެ.
ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ މި ކޯސް އިންތިޒާމުކުރަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗަ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ފަންނުވެރި ދިވެހިން ބިނާކުރުމެވެ.
