ކާނާއަކީ އިންސާނާގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އަޅުގަނޑުމެން ބޭނުންކުރާ ކާނާގެ ބާވަތްތަކާއި އޭގެ ފެންވަރަކީ، ހަށިގަނޑުގެ ވަރުގަދަކަމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި، ބަލިތަކުން ދިފާއުވުމުގެ ބާރަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ. މޭވާއާއި، ތަރުކާރީއާއި، ގޮވާމުގެ ބާވަތްތަކާއި، ޕްރޮޓީން އަދި ހަށިގަނޑަށް ފައިދާހުރި ސަރުބީ ހިމެނޭހެން ހަމަހަމަ ކާނާއެއް ބޭނުންކުރުމުން، ހަށިގަނޑު ހެދިބޮޑުވުމަށާއި، ހަކަތަ ލިބުމަށާއި، ހަށިގަނޑުގެ ސެލްތައް އާކޮށް މަރާމާތުކުރުމަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދެއެވެ. ރަނގަޅު ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށާއި، ހަކުރުބައްޔާއި ހިތުގެ ބަލިތަކާއި ލޭމަތިވުން ފަދަ ދާއިމީ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. ދުނިޔޭގެ ހެލްތް އޯގަނައިޒޭށަން (2021) އިން ވިދާޅުވެފައި ވާ ގޮތުން ހަށިގަދަށް ފާއިދާ ހުރި ކާނާ ކެއުމުން، ހަކުރު ބަލި، ހިތުގެ ބަލި، ސްޓްރޯކް އަދި ކެންސަރު ފަދަ ނުރައްކާތެރި ބަލި ތަކުން ދުރުހެލި ވެގެން ދެއެވެ.
އަނެއްކޮޅުން، ސިއްހަތަށް ފައިދާނުކުރާ ކާނާ ބޭނުންކުރުމުގެ އާދަތަކުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ގިނައިން ލުއި ކާނާ ނުވަތަ ފައިދާއެއް ނެތް ކާނާއާއި، ހަކުރު ގިނަ ތަކެއްޗާއި، ގިނަ އަދަދަކަށް ލޮނާއި ސަރުބީ ހިމެނޭހެން ތައްޔާރުކޮށްފައިވާ ކާނާ ބޭނުންކުރުމުގެ ސަބަބުން، މާބޮޑަށް ފަލަވުމާއި، ހަޖަމުކުރުމުގެ ނިޒާމަށް މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަދުވުމަށް މެދުވެރިވެއެވެ. މިފަދަ އާދަތަކުގެ ސަބަބުން ކަންކަމަށް ސަމާލުކަންދިނުމަށާއި ހަށިގަނޑުގެ ހަކަތަ ހުންނަ މިންވަރަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (2021) އިން އިރުޝާދުދޭ ގޮތުގައި، ލޭގެ ޕްރެޝަރު މަތިވުމުން ރައްކާތެރިވުމަށްޓަކައި ދުވާލެއްގެ މައްޗަށް ބޭނުންކުރާ ލޮނުގެ މިންވަރު 5 ގްރާމަށްވުރެ މަދުކުރަންޖެހެއެވެ. މިއީ ގިނަ އަދަދަކަށް ލޮނު ހިމެނޭ، ޕްރޮސެސްކޮށްފައިވާ ކާނާ ބޭނުންކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ ނުރައްކާތައް ހާމަކޮށްދޭ މުހިންމު ކަމެކެވެ.
ވީމާ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދިގު މުއްދަތަކަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ފައިދާހުރި ކާނާ އިޚްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ރެފަރެންސް: ވޯލްޑް ހެލްތް އޯގަނައިޒޭށަން (2021)
