މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމަށާއި މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް އިނގިރޭސި ހައި ކޮމިޝަނުގެ އެހީގައި ހިންގި ޕްރޮގްރާމްތަކުގައި 270 މުވައްޒަފުން ތަމްރީނުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ތައްޔާރުކުރި ޓްރެއިނިން މޮޑިއުލްތަކާއި ކޮމްޕިޓެންސީ ފްރޭމްވޯކް މިހާރު ވަނީ ކަރެކްޝަންސްއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި ތަކެތި ހަވާލުކުރުމަށް ކަރެކްޝަންސްގެ މައި އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ، އެ ތަކެތި ހަވާލުކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއާއެވެ. މި ރަސްމިއްޔާތުގައި "ޓްރާންސްފޯމޭޝަނަލް ލީޑަޝިޕް އިން އެކްޝަން" ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ވެސް ދީފައެވެ.
މިއީ އިނގިރޭސި ހައި ކޮމިޝަންގެ "މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮޖެކްޓް" ގެ ދަށުން، ޓެޓްރާޓެކް އިންޓަނޭޝަނަލް މެދުވެރިކޮށް ހިންގި މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 23 ވޯކްޝޮޕް ހިންގައި، ކަރެކްޝަންސްގެ 270 އޮފިސަރުންނާއި މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ. މީގެ އިތުރުން 12 ޓްރެއިނިން މޮޑިއުލް ތައްޔާރުކޮށް، ހިންގުން ހަރުދަނާކުރުމަށް 86 ލަފައެއް ވަނީ ދީފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރޭގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމާއި، ލީޑަޝިޕް ހުނަރުތަކާއި، ޖަލުތަކުގެ ސެކިއުރިޓީ އަދި ރިހެބިލިޓޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. އަދި މުވައްޒަފުންގެ ކަންކަމާ ގުޅޭ ސިޔާސަތުތަކާއި އެޕްރައިޒަލް ސިސްޓަމް ފަދަ އިދާރީ ހިންގުމާ ގުޅޭ ތަމްރީނުތައް ވެސް ވަނީ ދީފައެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކަރެކްޝަންސްގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމެވެ. އަދި ގާބިލު އޮފިސަރުން ބިނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
