ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް އެކުލަވާލި އުސޫލުގެ ދަށުން ގެނައި މުހިންމު ބަދަލެކެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތެއް ނަމަ، އެ ފަރާތަކަށް ކުއްޖަކު ފޮސްޓާ ކުރެވޭނީ އެ މީހުން ދިރިއުޅޭ ގައުމެއްގައި ދިވެހި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ނަމައެވެ. މިއީ އެ ކުދިންގެ ހާލަތު ދައުލަތަށް ގާތުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި ހިމަނާފައިވާ ޝަރުތެކެވެ.

ކުއްޖަކު ފޮސްޓާ ކުރަން އެދޭ މީހުންގެ އާންމު ޝަރުތުތަކުގެ ތެރޭގައި އެ މީހަކީ ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 25 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެއެވެ. އަދި އެއީ އާއިލާއެއް ބެލެހެއްޓޭ ވަރުގެ މާލީ ތަނަވަސްކަން ހުރި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަރުކަށި ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފޮސްޓާ ކުރަން އެދޭ ފަރާތަކީ ކުޑަކުއްޖަކަށް އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވިކަން ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ވޭތުވެދިޔަ 10 އަހަރު ތެރޭގައި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވުމާއި، ބޮޑު ކުށެއްގެ ރެކޯޑު ނެތުމުގެ އިތުރުން ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރުމުގެ ނިޒާމުގެ ތެރެއިން ދެ ގޮތަކަށް ކުދިން ހަވާލުކުރެވޭނެއެވެ. އެއީ ވަގުތީ ގޮތުން ކުއްޖަކު ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުން ނުވަތަ ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން ގާނޫނީ ބެލެނިވެރިކަމާ އެކު ދާއިމީކޮށް ބެލެހެއްޓުމަށް ހަވާލުކުރުމެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ކޮންމެ ކުއްޖަކީ ވެސް އާއިލީ ލޯތްބާއި ރައްކާތެރިކަމާ އެކު ބޮޑުވާ ކުއްޖެއްކަން ޔަގީންކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.