ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން މިއަހަރަށް ހާއްސަކޮށް ތައްޔާރުކުރި ކަލަންޑަރު ނެރެފިއެވެ.
"ޓީ ވިތު އުރީދޫ" ގެ ނަމުގައި ނެރުނު މި ކަލަންޑަރު ހާއްސަކޮށްފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި މުހިންމު ދައުރެއް އަދާކުރާ ސައި ބުއިމުގެ ސަގާފަތަށެވެ. މި ކަލަންޑަރު ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި އުރީދޫ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އެ ކުންފުނީގެ ކަލަންޑަރަކީ ކޮންމެ އަހަރަކު ވެސް ދިވެހިންގެ ސަގާފަތާ ގުޅޭގޮތަށް ވަރަށް ފަރުވާތެރިކަމާއެކު ފަރުމާކުރާ އެއްޗެއް ކަމަށެވެ. އެގޮތުން ސައި ބުއިމަކީ ދިވެހިންގެ ދުވަހުގެ ތާވަލުގައި މުހިންމު ވަގުތެއް ހޭދަކުރާ ކަމަކަށް ވާތީ، މިއަހަރުގެ ކަލަންޑަރު މެދުވެރިކޮށް އެ ސަގާފަތް ދައްކުވައިދޭން ބޭނުންވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފަހަރުގެ ކަލަންޑަރުގެ އެންމެ ހާއްސަ ކަމަކީ ކަލަންޑަރާއެކު ލިބޭ ތަފާތު ތަޖުރިބާއެވެ. ކޮންމެ ކަލަންޑަރަކާއެކު ލަކުޑި ފޮއްޓެއް ހިމެނޭއިރު، އޭގައި އެކި ރަހަތަކުގެ ސައިފަތް ހިމަނާފައިވެއެވެ. ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަކޮށްފައިވަނީ ސައި ތައްޔާރުކުރުމަށް ބޭނުންކުރާ ވަކި މޭވާއެއް، މަލެއް ނުވަތަ ފަތްޕިލާވެއްޔަށެވެ. އަދި އެ އެއްޗެއްގެ ނަން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ހިމަނައި، އެއިން ލިބޭ ރަހަތަކާ ގުޅޭ މައުލޫމާތު ވެސް ކަލަންޑަރުގައި ހިމަނާފައިވެއެވެ.
މިއަހަރުގެ ކަލަންޑަރު ތިން ގޮތަކަށް ވަނީ ނެރެފައެވެ. އެއީ އާންމުކޮށް ގެންގުޅޭ ވޯލް ކަލަންޑަރާއި، މޭޒުމަތީގައި ބަހައްޓާ ޑެސްކް ކަލަންޑަރުގެ އިތުރުން ޑިޖިޓަލް ކަލަންޑަރެވެ. މީގެ ތެރެއިން ޑިޖިޓަލް ކަލަންޑަރު ފަރުމާކޮށްފައިވަނީ އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯތަކެއް ހިމެނޭ ގޮތަށެވެ.
އުރީދޫއިން ކޮންމެ އަހަރަކު ވެސް ނެރޭ ކަލަންޑަރަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާ އެއްޗެކެވެ. މިއަހަރުގެ "ޓީ ވިތު އުރީދޫ" ކަލަންޑަރަކީ ވެސް ދިވެހިވަންތަ ކުރެހުންތަކާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިންގެ ސައި ބުއިމުގެ ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދޭ އުފެއްދުމެކެވެ.
