ޔަހޫދޫންނަކީ ނުބައި ބައެއް ކަމަށް ބުނި ބީބީސީގެ ނޫސްވެރިޔާގެ ވަޒީފާ ގެއްލިއްޖެއެވެ.
ތަލާ ހަލަވާ ނަމަކަށް ކިޔާ އަންހެން ނޫސްވެރިޔާގެ ވަޒީފާ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އޭނާ ކޮށްފައިވާ ޓުވިޓަކާއި ގުޅިގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭނާގެ ވަޒީފާ ގެއްލުނީ މިހަފްތާ ތެރޭގައެވެ.
އޭނާ ކޮށްފައިވާ ޓްވީޓްގައި ވަނީ ފަލަސްތީނަށް ތާއީދުކޮށް، އިސްރާއީލަކީ ހިޓްލަރު ބުނި ގޮތަށް ނުބައި ބައެއް ކަމަށް ވަނީ ބުނެފައެވެ. އަދި ނާޒީންނަށް އިސްރާއީލް މާ ނުބައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ދާދިފަހުން އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގެ މައުލޫމާތު ދުނިޔެއާއި ހަމައަށް ފޯރުކޮށް ދީފައިވާއިރު، އޭނާ ގެނެސްދިން ރިޕޯޓަކާއި ގުޅިގެން ވެސް ހަމަނުޖުހުންތަކެއް ވަނީ ހިނގާފައެވެ.
އޭނާގެ ވަޒީފާ އިން ވަކިކޮށްފައިވާކަން ބީބީސީގެ ތަރުޖަމާން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.
ހިޓްލަރަކީ ދުނިޔޭގައި އުފެދުނު އެންމެ ނުބައި ލީޑަރުން ކުރެ އެކަކެވެ. އޭނާ ވަނީ އެތައް ޔަހޫދީންނެއްވެސް މަރާލާފައެވެ. އަދި ދުނިޔޭގެ ރިޕޯޓުތައް ބުނާ ގޮތުގައި ހިޓްލަރު ވަނީ އޭނާއަށް ހުރިހާ ޔަހޫދީން މަރާލެވޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް އޭނާ އެކަން ނުކުރުކީ ޔަހޫދީންނަށް ފިލާވަޅެއް ދަސްކޮށްދޭން ކަމަށް ވެސް އޭނާ ބުނިކަމަށް ރިޕޯޓުތައް ބުނެއެވެ.
