ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސާރާ އަލީ ޚާން އާއި ސޯޝަލް މީޑިއާ އިންފްލުއެންސަރު އޯރީ (އޯހާން އަވަތުރަމާނީ) ގެ ގާތް އެކުވެރިކަން ހީނަރުވެ، އޯރީ ފާޅުގައި ސާރާއަށް މަލާމާތްކުރަން ފަށައިފިއެވެ. މި ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހިފައިވާކަން ހާމަވީ އޯރީ ސޯޝަލް މީޑިއާގައި ކުރަމުންދާ ކޮމެންޓްތަކުންނެވެ.
މިކަން އެންމެ ބޮޑަށް ފާހަގަވީ އޯރީ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އޭނާ ލައިގެން ހުރި ޓީޝާޓެއްގައި ކުރަހާފައިވާ ބްރާއަކުން "ހިފަހައްޓައިގެން ހުރީ ކޮން އެއްޗެއްތޯ" މީހަކު ސުވާލުކުރުމުން އޯރީ ވަނީ ވަރަށް މަލާމާތުގެ ރާގަކަށް ޖަވާބު ދީފައެވެ. އޭނާ ބުނީ އެއިން ހިފަހައްޓަނީ "ސާރާ އަލީ ޚާންގެ ހިޓް ފިލްމުތައް" ކަމަށެވެ.
މި ޖަވާބާ ގުޅިގެން އެހެން މީހަކު، މިކަމާ ސާރާ ވެސް ހޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނުމުން އޯރީ ބުނީ، "އަމިއްލަ ކެރިއަރަށް ހަޖޫޖަހާފައި އޭނާ ހޭނެ" ކަމަށެވެ. މިއީ ސާރާގެ ފިލްމީ ކެރިއަރަށް އޯރީ ފާޅުގައި ކުރި މަލާމާތެކެވެ.
ދާދިފަހުން އޯރީ ވަނީ "ސާރާ"، "އަމްރިތާ" އަދި "ޕާލަކް" ގެ ނަން ބޭނުންކޮށްގެން ވީޑިއޯއެއް ހަދައި، ނުސީދާކޮށް ސާރާ އާއި އޭނާގެ މަންމަ އަމްރިތާ ސިންގ އަދި ބަތަލާ ޕަލަކް ތިވާރީއަށް ވެސް ފާޑުކިޔާފައެވެ. ނަމަވެސް އެ ވީޑިއޯއަށް ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ.
އޯރީގެ މި އަމަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ނުރުހުން ފާޅުކުރަމުންނެވެ. އާންމުން ބުނާ ގޮތުގައި އެއްވެސް ސަބަބެއް ނެތި މީހުންނަށް "ބުލީ" ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މެދުކެނޑުމެއް ނެތި އޯރީ، ސާރާއަށް މަލާމާތް ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ސާރާ މިކަމަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.
