އިންފްލޭޝަނަކީ ވަގުތާއެކު މުދަލާއި ޚިދުމަތްތަކުގެ އަގު އުފުލުމެވެ. މީގެ މާނައަކީ ކުރިއާ އަޅާބަލާއިރު ފައިސާގެ އަގު ދަށްވެ، ކުރިން ގަނެވޭ މިންވަރަށްވުރެ މަދުން މުދާ ގަނެވުމެވެ.

އިންފްލޭޝަންގެ ސަބަބުން ކުރާ އެންމެ ސީދާ އަސަރަކީ މީހާގެ އަތުގައި ހުންނަ ފައިސާއިން މުދާ ގަތުމުގެ ބާރު ކުޑަވުމެވެ. އަގުތައް އުފުލެމުންދާއިރު، އެއް މިންވަރެއްގެ ފައިސާއަކުން ކުރެވޭ ޚަރަދުތައް މަދުވެ، ދިރިއުޅުމުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އާއިލާތަކަށް ދަތިތަކާ ކުރިމަތިވެއެވެ. މިސާލަކަށް، ބޭންކުގައި ރައްކާކޮށްފައި ހުންނަ ފައިސާއަށް ލިބޭ އިންޓްރެސްޓަށްވުރެ އިންފްލޭޝަން ރޭޓް މަތިނަމަ، ވަގުތާއެކު އެ ފައިސާގެ ހަގީގީ އަގު ދަށްވެގެންދާނެއެވެ. އެހެންކަމުން، އެކައުންޓުގައި ހުރި ފައިސާގެ އަދަދު އިތުރުވި ނަމަވެސް، އޭގެ ބާރު ނުވަތަ އަގު ދާނީ ކުޑަވަމުންނެވެ. (ފޯބްސް، 2024)

އިންފްލޭޝަންގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، އާމްދަނީން ކުރާ ޚަރަދުތައް އިތުރުވެ، މުސްތަގުބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް އޮންނަ ފުރުސަތު ހަނިވެގެންދެއެވެ. ރައްކާކުރާ ފައިސާއަށް ލިބޭ ފައިދާއަށްވުރެ ތަކެތީގެ އަގު އުފުލޭ ނިސްބަތް މަތިވުމުން، "ހަގީގީ" މާނައިގައި ފައިސާ ރައްކާކުރާ ފަރާތްތަކަށް މާލީ ގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ. (މަނީފެކްޓްސް ގްރޫޕް، 2025)

ރާއްޖޭގެ އިންފްލޭޝަން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުތަކަށާއި، ޖީއެސްޓީ ބޮޑުކުރުން ފަދަ ސަރުކާރުގެ ސިޔާސަތުތަކަށެވެ.

2021 (0.5%): ކޮވިޑަށްފަހު އިގްތިސާދު ހަމަޔަކަށް އެޅެމުން އައި ދުވަސްވަރު ކަމަށްވުމުން އަގުތައް ހުރީ ވަރަށް ދަށުގައެވެ.
2022 (2.3%): ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުނެވެ. ނަމަވެސް ސަރުކާރުން ތެލަށް ބޮޑު ސަބްސިޑީއެއް ދިނުމުން، ރާއްޖޭގައި އަގުތައް މާބޮޑަށް އުފުލުނަ ނުދީ ހިފެހެއްޓުނެވެ.
2023 (2.9%): މިއަހަރު އަގުތައް އުފުލުނީ ޖީއެސްޓީ 6% އިން 8% އަށް ބޮޑުކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ހުރިހާ މުދަލަކާއި ޚިދުމަތެއްގެ އަގު އެއްފަހަރާ އުފުލުނެވެ.
2024 (~4.0%): މައިގަނޑު ގޮތެއްގައި ކާބޯތަކެތީގެ އަގާއި (ޚާއްސަކޮށް މަހާއި ތަރުކާރީ) ގޭކުލި ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން ހުރީ މަތީގައެވެ.
2025 (ލަފާކުރެވޭ ގޮތުގައި 4.7% - 5.7%): ސަރުކާރުން ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅިގެން (ސަބްސިޑީ ކަނޑާލުން ނުވަތަ ކުޑަކުރުމުން)، ކަރަންޓާއި ކާބޯތަކެތީގެ އަގު އުފުލި، މިއަހަރު އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ދާނެކަމަށް ލަފާކުރެވެއެވެ.

ރައްކާކުރާ ފައިސާއާއި މާލީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި، މަތީ ފައިދާ ލިބޭ ސޭވިންގް އެކައުންޓްތަކާއި، ފިކްސްޑް ރޭޓް ބޮންޑް ނުވަތަ އިންފްލޭޝަނުން ރައްކާތެރިކަން ލިބޭ ފަދަ އިންވެސްޓްމަންޓްތައް ބޭނުންކުރެވިދާނެއެވެ. އިންފްލޭޝަންގެ ސަބަބުން ޚަރަދުތަކަށާއި ރައްކާކުރާ ފައިސާއަށް ކުރާ އަސަރުތައް ރަނގަޅަށް ދެނެގަތުމަކީ، މާލީ ގޮތުން ބުއްދިވެރި ނިންމުންތައް ނިންމުމަށާއި ދިގު މުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.