ބޮލީވުޑްގެ ބަތަލާ ޝްރިޔާ ސަރަން، ބަލިވެއިނުމާ ގުޅޭގޮތުން ވާހަކަދައްކަމުން، އަންހެނަކު ބަލިވެއިންނަ ދުވަސްވަރު އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ފިރިމީހާއަށް ސީދާ އިހުސާސް ނުކުރެވޭތީ، އެކަމާ މުއާމަލާތް ކުރާނެ ގޮތް ނޭނގި ގިނަ ފިރިހެނުން ތިބޭ ކަމަށް ބުނެފިއެވެ.

ޝްރިޔާ މިހެން ބުނީ، އޭނާއާ އެކު ވެބް ސީރީޒް "ޝޯޓައިމް" ގައި ހަރަކާތްތެރިވާ އެކްޓަރު ނަކުލް މެހެތާއާއެކު އެ ސީރީޒްގެ ޕްރޮމޯޝަން ހަރަކާތެއްގައި ވާހަކަދައްކަމުންނެވެ. މި ސީރީޒްގައި މި ދެ ތަރިން ކުޅެނީ ދަރިއަކު ހޯދަން މަސައްކަތްކުރާ ދެމަފިރިންގެ ރޯލެވެ.

ޝްރިޔާ ބުނި ގޮތުގައި، ނަކުލްގެ އަންހެނުން ޖާންކީ ޕަރެކް ބަލިވެއިން ދުވަސްވަރު ނަކުލް ހުރީ ވަރަށް ބޮޑަށް "ގެއްލިފައި" ކަމަށް ޚުދު ނަކުލް އޭނާ ގާތު ބުނި ކަމަށެވެ.

 ޝްރިޔާ ފާހަގަކުރި ގޮތުގައި އަންހެން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ހޯމޯންތަކަށް އަންނަ ބަދަލުތައް ފިރިމީހާއަށް ސީދާ އިހުސާސް ނުކުރެވޭތީ، އެ ދަނޑިވަޅުގައި ކަންތައް ކުރަންވީ ގޮތް ނޭނގިފައި ފިރިހެނުން ތިބެއެވެ.

"އެއީ ވަރަށް އުނދަގޫ ދަނޑިވަޅެއް. ފިރިހެނުންނަށް ގިނަ ފަހަރު ނޭނގޭނެ ކުރަންވީ ކީއްކަމެއް. ނަކުލް ބުނި އޭނާ ހުރީ ވަރަށް ބޮޑަށް ގެއްލިފައޭ އަންހެނުން ބަލިވެއިން ދުވަސްވަރު،" ޝްރިޔާ ބުންޏެވެ.

ޝްރިޔާ އިތުރަށް ބުނީ ހަގީގީ ދިރިއުޅުމުގައި އެ ދެ ތަރިންނަކީ ވެސް މައިންބަފައިންނަށް ވާތީ، އެ ތަޖުރިބާގެ އަލީގައި ސީރީޒްގެ މަންޒަރުތައް ކުޅެން ފަސޭހަވި ކަމަށެވެ. ޝްރިޔާގެ އަންހެން ދަރިއަކު ހުންނައިރު، ނަކުލްގެ ފިރިހެން ދަރިއަކު ހުރެއެވެ.