ކީރިތި ޤުރުއާނަކީ އިންސާނިއްޔަތަށް ހުރި ހިދާޔަތެކެވެ. އޭގައިވާ ވާހަކަތަކާއި ޛިކުރުތަކަކީ ކޮންމެ ޒަމާނަކަށްމެ ފެތޭ، މުއުމިނުންގެ އީމާންތެރިކަން ވަރުގަދަކޮށްދޭ ފިލާވަޅުތަކެކެވެ. މީގެ ތެރެއިންވެސް ސޫރަތުލް ކަހްފުގައި ބަޔާންވެގެންވާ "އަޞްޙާބުލް ކަހްފު" ނުވަތަ ހޮހަޅައިގެ އެކުވެރިންގެ ވާހަކައަކީ، ދީނުގެ ހައްގުގައި ޒުވާނުން ވެފައިވާ މަތިވެރި ގުރުބާނީގެ ނަމޫނާއެކެވެ.

މި މަތިވެރި ޒުވާނުންގެ ވާހަކަ ފައްޓަވަމުން ﷲ ތަޢާލާ ވަނީ އެކަލާނގެ ކިބަފުޅުން އެހީތެރިކަމަށް އެދި އެ ޒުވާނުން ކުރި ދުޢާ ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

﴿10﴾ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا. މާނައީ: "އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!" (އަލް ކަހްފް 10 ވަނަ އާޔަތް)

މި އާޔަތުން އަޅުގަނޑުމެންނަށް އެތައް ފިލާވަޅުތަކެއް ލިބިދެއެވެ. އެންމެ ފުރަތަމަ ކަމަކީ، ދަތި އުނދަގޫ ވަގުތުތަކާއި ފިތުނަވެރިކަމުގެ ތެރޭގައިވެސް، މުއުމިނުންގެ ހިތްތަކާއި ގުޅިފައި އޮންނަންވާނީ ހަމައެކަނި ﷲ ތަޢާލާއާ ކަމެވެ. އެ ޒުވާނުންނަކީ އެބައިމީހުންގެ އަމިއްލަ ވަޒަނާއި، ޢާއިލާއާއި، މުދަލާއި، އަރާމު ދިރިއުޅުން ދޫކޮށް، ހަމައެކަނި މާތް ﷲ ގެ ދީން ހިމާޔަތްކުރުމަށްޓަކައި ހޮހަޅައަކަށް ވަން ބައެކެވެ. އެކަނިވެރިކަމާއި ބިރުވެރިކަމުގެ އެ ވަގުތުގައިވެސް އެބައިމީހުން އެދި ދެންނެވީ ﷲ ގެ ރަޙްމަތަށެވެ.

މީގެ އިތުރުން، "ރަޙްމަތް" ދެއްވުމަށް އެދި ދެންނެވުމަކީ، ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެޔޮކަމަކަށް އެދުމެވެ. އަދި "ސީދާގޮތެއް ފަހިކޮށްދެއްވުމަށް" އެދި ދެންނެވުމުން އެނގެނީ، އިންސާނާ ކިތަންމެ ބޮޑު ގުރުބާނީއެއް ވީނަމަވެސް، ﷲ ގެ ހިދާޔަތާއި ތައުފީޤާ ނުލައި ސީދާވެގެންވާ މަގުގައި ސާބިތުވެ ނުހުރެވޭނެ ކަމެވެ.

މިއަދުގެ ޒުވާނުންނަށް މި ވާހަކައިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކިތަންމެ ބޮޑު އިމްތިޙާނަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް، އީމާންތެރިކަންމަތީ ސާބިތުވެ ތިބުމުގެ މުހިންމުކަމެވެ. ބައެއް ފަހަރު ދީނުގައި ސާބިތުވެ ހުރުމަށްޓަކައި ދުނިޔޭގެ ބައެއް އުފާތަކާއި، އެކުވެރިންނާއި، ނުވަތަ މަޤާމުތަކެއް ގުރުބާން ކުރަން ޖެހިދާނެއެވެ. ނަމަވެސް، ﷲ އަށްޓަކައި އެއްޗެއް ދޫކޮށްލައިފި މީހަކަށް، އެކަލާނގެ އެއަށްވުރެ ހެޔޮވެގެންވާ ގޮތްތައް މިންވަރުކޮށްދެއްވާނެއެވެ.

އަޞްޙާބުލް ކަހްފުގެ ޒުވާނުން ފަދައިން، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކޮންމެ ކަމެއްގައި ﷲ އަށް ވަކީލުކުރާ، އެކަލާނގެ ރަޙްމަތަށް އެދޭ، އަދި ދީނުގެ މަގުގައި ސާބިތުވެ ތިބޭ ބަޔަކަށް ވާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ނިންމުމެއްގައިވެސް ސީދާވެގެންވާ މަގަށް އެދި ދުޢާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ﷲ އަޅަމެން އެންމެންނަށް ހިދާޔަތާއި ރަޙްމަތް މިންވަރުކުރައްވާށިއެވެ! އާމީން.