އިންސާނީ ދިރިއުޅުމުގައި ލޯތްބަކީ އެންމެ މުހިންމު އެއް އަސާސެވެ. ނަމަވެސް، ބައެއް ފަހަރު ލޯބީގެ ނަމުގައި ހިންގޭ އިޚްލާޞްތެރިކަމެއް ނެތް ގުޅުންތަކަކީ އޭގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ. "ފޭކް ލަވް" ނުވަތަ ދަޅަ ދައްކާ ލޯތްބަކީ ބޭރުފުށުން އޯގާތެރިކަން ފެނުނު ކަމުގައި ވިޔަސް، އޭގައި ހަގީގީ އަޅާލުމާއި، ޒިންމާދާރުކަމާއި، ވަފާތެރިކަން ނެތް ގުޅުންތަކެވެ. ނަފްސާނީ އިލްމުވެރިން ބަޔާންކުރާ ގޮތުގައި މިއީ ހަގީގީ ލޯތްބެއް ނޫނެވެ. މިއީ ޖަޒުބާތީ ގޮތުން މީހާ ނުކުޅެދުންތެރިވުމާއި، ގުޅުންތަކުގައި އޮންނަންޖެހޭ ސާބިތުކަން ނެތުމުގެ ނަތީޖާއެކެވެ.

ހަގީގީ ލޯތްބަކީ އޭގައި އިތުބާރާއި، ދެމެހެއްޓެނިވި ސާބިތުކަމާއި، އަނެކާގެ ދުޅަހެޔޮކަމަށްޓަކައިވާ ފުން އަޅާލުން ހިމެނޭ ކަމެކެވެ. ނަމަވެސް، ވަގުތީ ލޯބީގެ ގުޅުންތަކުގައި ފެށޭއިރު ވަރަށް ފޯރިއާއި ޖޯޝު ހުރެއެވެ. ފޮނި ބަސްތަކާއި، ހަދިޔާތަކާއި، މާބޮޑު ސަމާލުކަމެއް ދީފާނެއެވެ. އެހެންނަމަވެސް، ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައާއި، ދެބަސްވުންތަކުގެ ތެރޭގައި އެ ފެނުނު އޯގާތެރިކަން ވަގުތުން ފިލައިގެންދެއެވެ. މިފަދަ ލޯތްބަކީ ޝަރުތުތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވާތީ، ގުޅުމަށް ޖަޒުބާތީ ގޮތުން ބޭނުންވާ މަސައްކަތް ކުރަންޖެހޭ ހިސާބުން އެ ގުޅުން ބަލިކަށިވާން ފަށައެވެ.

ނަފްސާނީ ގޮތުން ބަލާއިރު، މިފަދަ ނުވަތަ ސާބިތުކަމެއް ނެތް ގުޅުންތަކުގެ ސަބަބުން އިންސާނާގެ ސިކުނޑި އަބަދުވެސް ހުންނަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ލޯބިލިބޭނެކަމުގެ ޔަގީންކަމެއް ނެތުމުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ހާސްކަމާއި ފިކުރުބޮޑުވުން އިތުރުވެއެވެ. ދިގު މުއްދަތެއްގައި މިފަދަ ގުޅުމެއްގައި ހުރުމަކީ މީހާގެ އަމިއްލަ އަގު ވަޒަންކުރުމުގެ ބާރު ކުޑަވެ، އަޅާނުލާ ދޫކޮށްލުމުންވެސް އެމީހެއްގެ ކިބައިން ވަކިނުވެވޭ ފަދަ "ޖަޒުބާތީ ބަރޯސާވުމެއް" އުފެދޭ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އެކަނިވެރިކޮށް ހުރުމަށްވުރެ، ފެންވަރު ދަށް އަދި ނަފްސާނީ ގޮތުން އަނިޔާވެރި ގުޅުމެއްގައި އުޅުމަކީ ސިއްހަތަށް މާ ބޮޑަށް ގެއްލުންހުރި ކަމެކެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން މާޔޫސްވުމާއި (ޑިޕްރެޝަން)، ނަފްސާނީ ގޮތުން ވަރުބަލިވުމާއި، ކުރިމަތިލާންޖެހޭ އެކަނިވެރިކަމުގެ ބިރު ބޮޑުވެއެވެ. މީގެ އިތުރުން، ކުރިމަތީގައި ދިމާވާނެ އެހެން ގުޅުންތަކަށް އިތުބާރު ކުރަން އުނދަގޫވެ، މީހާގެ މުޅި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ހަގީގީ ލޯތްބަކީ ހަމައެކަނި ދުލުން ބުނެލާ ފޮނި ބަސްތަކެއް ނޫނެވެ. އެއީ ކުރާ އަމަލުތަކާއި، ދޭ އިހުތިރާމާއި، ގުޅުމުގައި ދޭ ރައްކާތެރިކަމެވެ. މިއެލެމެންޓްތައް ނެތް ތަނެއްގައި އޮންނަނީ ލޯތްބެއް ނޫނެވެ. އެއީ ހަމައެކަނި ކެހިވެރިކަމާއި އޮޅުވާލުމުގެ މައްޗަށް ބިނާވެފައިވާ ވަގުތީ ގުޅުމެކެވެ.

 

ރިފަރެންސް:އެމެރިކަން ފްސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭ.ޕީ.އޭ). އެޓޭޗްމަންޓް އެންޑް ކްލޯޒް ރިލޭޝަންޝިޕްސް.