ގުޅުމެއްގެ ތެރޭގައި އޮންނަންޖެހޭ ތެދުވެރިކަމާއި، ވަފާތެރިކަން ނުވަތަ އެކަކު އަނެކަކަށް ކުރާ އިތުބާރުގެ އުސޫލުތަކާ ޚިލާފުވުމަކީ އިތުބާރު ގެއްލުން ކަމުގައި ބެލެވެއެވެ. ނަފްސާނީ އިލްމުގެ ތަޖުރިބާކާރުން ދެކޭގޮތުގައި، އިތުބާރަކީ އިންސާނާގެ ޖަޒުބާތީ ރައްކާތެރިކަމުގެ އެންމެ ވަރުގަދަ ބިންގަލެވެ. މި ބިންގާ ރެދުމުން ނުވަތަ ހަލާކުވުމުން، އޭގެ ނޭދެވޭ އަސަރު ހަމައެކަނި އެ ގުޅުމަކަށް ނޫން، މުޅި އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ލޮޅުންތަކެއް އަރުވާލައެވެ.


ސައިންސާއި ދިރާސާތަކުން ދައްކާ ގޮތުގައި، ގާތް ގުޅުންތަކުގައި އިތުބާރު އޮތުމަކީ އިންސާނާއަށް އަމާންކަން އިހުސާސްކޮށްދީ، އޭނާގެ ޖަޒުބާތުތައް ހަމަހިމޭންކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް، ދޮގުހެދުމާއި، ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން އިތުބާރު ގެއްލިއްޖެނަމަ، އިންސާނާގެ ސިކުނޑިން އެކަން ބަލައިގަންނަނީ އިޖުތިމާއީ ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.

މީގެ ސަބަބުން ހާސްކަމާއި، ނުތަނަވަސްކަމާއި، އަދި ކޮންމެ ވަގުތަކުވެސް ގޯހެއް ވެދާނެކަމުގެ ބިރުވެރިކަމެއްގައި ހުރުން ފަދަ ކަންކަން މެދުވެރިވެއެވެ.


އިތުބާރު ގެއްލުމުގެ ހިތްދަތިކަން ތަހައްމަލުކުރާ މީހުންނަށް، މާފުކުރުމަށްފަހު ނުވަތަ ގުޅުން އަލުން ރަނގަޅުކުރަން މަސައްކަތް ކުރި ނަމަވެސް، ކުރީގެ އިހުސާސްތައް އަލުން އިއާދަކުރަން އުނދަގޫވެއެވެ. ސިކުނޑީގެ ނާރުތަކުގެ ނިޒާމު ހުންނަނީ އަބަދުވެސް ސަމާލުވެ، ރައްކާތެރިކަން ހޯދުމުގެ މަރުހަލާގައެވެ. މީގެ ސަބަބުން ކަންކަމާ މާބޮޑަށް ވިސްނުމާއި، މީހުން ކުރާ ކަންކަމަށް ޝައްކުކުރުން ނުވަތަ ޖަޒުބާތީ ގޮތުން މީހުންނާ ދުރުހެލިވުން ފަދަ ނަފްސާނީ ބަދަލުތައް އާދެއެވެ.


މީގެ އިތުރުން، އިތުބާރު ގެއްލުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށްވެސް ގެއްލުންދޭ ކަމެކެވެ. ގިނަ ފަހަރަށް މީހުން އަމިއްލަ ނަފްސު ކުށްވެރިކޮށް، އެހާ ފަސޭހައިން އިތުބާރު ކުރެވުނީތީ ހިތާމަކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެހެން މީހުންނާ ގާތް ގުޅުންތައް ބޭއްވުމަށް ޖެހިލުންވެ، އެކަނިވެރިކަން އިޚްތިޔާރު ކުރަން މަޖުބޫރުވެއެވެ.

ދިގުމުއްދަތުގެ ގުޅުންތަކުގައި އިތުބާރުގެ މައްސަލަ ހައްލުނުކޮށް ހުރުމަކީ، މެދުކެނޑުމެއްނެތި މައްސަލަޖެހި، ޖަޒުބާތީ ގޮތުން ދުރުވުމަށް މެދުވެރިވާ ސަބަބެކެވެ.


ހަމައެކަނި ދައްކާ ވާހަކައަކުން އިތުބާރު އަލުން އިއާދައެއް ނުކުރެވޭނެކަން ދިރާސާތަކުން ކަށަވަރުވެއެވެ. އިތުބާރު އަލުން ބިނާކުރުމަށްޓަކައި، ކަންކަމުގައި ޒިންމާދާރުވުމާއި، ދެފުށް ފެންނަ ގޮތަށް އަމަލުތައް ބެހެއްޓުމާއި، އަދި އިތުބާރު ހިފޭނެ ފަދަ އަމަލުތައް ތަކުރާރުކޮށް ދައްކަންޖެހެއެވެ. އިތުބާރު ގެއްލިފައިވާ ގުޅުމަކުން ދުރުވުމަކީ ނަފްސާނީ ބަލިކަށިކަމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސުގެ ހިމާޔަތުގައި ކުރެވޭ ކަމެކެވެ. ސަބަބަކީ ޖަޒުބާތީ ރައްކާތެރިކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ އަސާސީ ކަމަކަށް ވާތީއެވެ.

 

 


ރިފަރެންސް:އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭ.ޕީ.އޭ). ގުޅުންތަކުގައި އިތުބާރާއި ބަދުނަސީބު.