ރެއާލް މެޑްރިޑްގެ ކެޕްޓަންކަން ކުރަމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް، 16 އަހަރަށްފަހު އެ ޓީމު ދޫކޮށްލަން ނިންމައިފިއެވެ.
މިހާރު އުމުރުން 35 އަހަރުގެ ރާމޯސް، ރެއާލް ދޫކޮށްލަނީ ހިލޭ ޓްރާންސްފާއެއް ގައެވެ. ރެއާލް އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
2005 ވަނަ އަހަރު ސެވިއްޔާ އިން ރެއާލަށް ބަދަލުވި ރާމޯސް ވަނީ އެ ޓީމަށް ކުޅުނު 671 މެޗުގައި 101 ލަނޑުޖަހައި، އިތުރު 40 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. އޭނާ ވަނީ ރެއާލްގައި ހޭދަކުރީ 16 އަހަރުގެ ތެރޭގައި ސްޕެނިޝް ލީގު ތަށި ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ހޯދާފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ފަހަކަށްއައިސް އުފެދުނު މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޯސް މިފަހަރުގެ ޔޫރޯގައި ވާދަކުރާ ސްޕެއިނުގެ ސްކޮޑުން ޖާގަ ނުލިބުނެވެ. އޭނާ އަށް ޖާގަ ނުދިނީ އަނިޔާގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފައެވެ.
ސްޕެއިނުގެ ގައުމީ ޓީމަށް މިހާތަނަށް 180 މެޗު ކުޅެފައިވާ ރާމޯސް ވަނީ އެ ޓީމާއެކު ދެ ޔޫރޯ އާއި ފީފާ ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައިވެއެވެ.
