އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި ނިންޖަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނިދި މަދުވުމުގެ މައްސަލައަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ މަދުން ނިދުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ގޮންޖެހުމެކެވެ. ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި، ބޮޑެތި މީހުންނަށް ރޭގަނޑަކު މަދުވެގެން 7 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމުގެ ސަބަބުން ހަށިގަނޑުގެ ނިޒާމުތަކަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވެއެވެ.

ނިދި މަދުވުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރަނީ ސިކުނޑީގެ މަސައްކަތްތަކަށެވެ. މީގެ ސަބަބުން ކަންކަމަށް ސަމާލުކަންދޭ މިންވަރު ކުޑަވުމާއި، ކަންކަމުގައި ގޮތް ނިންމުމަށް އުނދަގޫވުމުގެ އިތުރުން ހަނދާން ބަލިވުން ކުރިމަތިވެއެވެ. ސިކުނޑިން މައުލޫމާތު ރައްކާކުރުމަށާއި އިހުސާސްތައް ކޮންޓްރޯލްކުރުމަށް ނިދި މުހިންމު ދައުރެއް އަދާކުރާއިރު، ނިދި ނުލިބުމަކީ މީހާ ނުތަނަވަސްވުމާއި ، މާޔޫސްވުން އަދި އަވަހަށް ރުޅިއައުމަށް މެދުވެރިވާ ސަބަބެކެވެ.

ހަމައެއާއެކު، ނިދި މަދުވުމަކީ ހަށިގަނޑުގެ ހޯމޯންތަކުގެ ހަމަހަމަކަން ގެއްލުވައިލާ ކަމެކެވެ. ހާސްކަމުގެ ހޯރމޯން ކަމަށްވާ ކޯޓިސޯލް އިތުރުވެ، ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯރމޯންތަކަށް ބަދަލު އައުމުގެ ސަބަބުން، ހަކުރު ގިނަ އަދި ސަރުބީ ގިނަ ކާނާއަށް އޮންނަ ޝައުގުވެރިކަން އިތުރުވެއެވެ. މިއީ ހަށިގަނޑުގެ ބަރުދަން އިތުރުވުމަށާއި ފަލަވުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.

ޖިސްމާނީ ގޮތުން ބަލާއިރު، ދިގު މުއްދަތަކަށް ނިދި މަދުވުމަކީ ހިތުގެ ބަލިތަކާއި، ލޭމަތީވުމާއި، ހަކުރު ބަލީގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާ ކަމެކެވެ. ނިދީގެ ތެރޭގައި ހަށިގަނޑުގެ ސެލްތައް މަރާމާތުކޮށް، ބަލިތަކުން ދިފާއުވުމަށް ބޭނުންވާ މަސައްކަތްތައް ކުރެއެވެ. އެހެންކަމުން، އެކަށީގެންވާ ނިދި ނުލިބޭނަމަ ބަލިތަކަށް މީހާ ހުށަހެޅޭ މިންވަރު އިތުރުވެގެންދެއެވެ.

މީގެ އިތުރުން، ނިދި މަދުވުމަކީ މަގުމަތީގެ އެކްސިޑެންޓްތަކާއި މަސައްކަތުގެ މައިދާނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެކެވެ. ނިދިމަދުވުމުން މީހާގެ ހަރަކާތްތަކާއި ވިސްނުމަށް އަންނަ ބަދަލަކީ މަސްތުގެ ހާލަތުގައި ހުންނަ މީހަކަށް އަންނަ ބަދަލުތަކާ އެއްފަދަ ނުރައްކާތެރި ބަދަލުތަކެކެވެ.

ނިދި މަދުވުމަކީ ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި އާދަވާނެ ކަމެއް ނޫންކަމެވެ. ގަވާއިދުން ނިދި ނުލިބޭނަމަ ސިއްހަތަށް ލިބޭ ގެއްލުން ދާނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެންކަމުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކޮންމެ ރެއަކުވެސް އެކަށީގެންވާ މިންވަރަށް ނިދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

 

ރިފަރެންސް:އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން. ނިދީގެ މުއްދަތާއި ސިއްހީ ނަތީޖާތައް.