ހުޅުމާލެ ފޭސް 2 ގައި ތައުލީމީ އާ ބިނާއެއްގެ ގޮތުގައި އިމާރާތްކުރި ޖާގަ ތަނަވަސް "ޝަހީދު އަލީ ސްކޫލް" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ޝަހީދު އަލި ރަސްގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް ހުޅުވި މި ސްކޫލަކީ 2,500 އެއްހާ ދަރިވަރުންގެ ޖާގަ ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ސްކޫލެކެވެ.

މި ސްކޫލުގެ އަމަލީ މަސައްކަތް 25 ޑިސެމްބަރު 2023 ގައި ފަށާފައިވާއިރު، ދެ އަހަރު ދުވަހުގެ މަސައްކަތަށް ފަހު މިއަދު ކިޔަވައިދޭން ފެށި މި އިމާރާތުގައި 54 ކްލާސްރޫމާއި، ތިން ސައިންސް ލެބް އަދި ފެންވަރު ރަނގަޅު އޮޑިޓޯރިއަމެއް ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ސްޕޯޓްސް ހޯލްވެސް ގާއިމުކޮށްފައިވަނީ މި ސްކޫލުގައެވެ.

ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، 2,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ހުޅުވުނު މި ސްކޫލުން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ސްކޫލަށް ބަދަލުވި ދަރިވަރުންގެ ތެރެއިން 77 އިންސައްތައަކީ އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާ ކުދިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސްކޫލް ހުޅުމާލޭގައި ހުރި ނަމަވެސް، މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލުވާނެ ޝާމިލު ސްކޫލަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި އިތުރު ސްކޫލްތައް އެޅުމުގެ ޕްލޭންތައް އެބަހުރި ކަމަށާއި، އެގޮތުން އެއް ސްކޫލެއްގެ ޑިޒައިން މަރުހަލާ މިހާރު ނިމިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.