ހޭވެރިކަން ނެތުމަކީ އެއްވެސް އިޝާރާތަކަށް އެމީހަކު ހަރަކާތް ނުކުރުމެވެ. އެއީ ބާރު އަޑަކަށްވިޔަސް އަދި އެމީހެއްގެ ގައިގައި ހިފާ ތަޅުވާލި ކަމުގައި ވިޔަސްމެއެވެ. މިފަދަ ހާލަތުގަައިވާ މީހެއްގެ ނޭވައި ހުއްޓިފައިވެސް ހުރެދާނެއެވެ. އަދި ހިތުގެ ވިންދުވެސް ނުލިބި ހިނގައިދާނެއެވެ. މިފަދަ ހާލަތްތަކަށް އިންސާނުން ތައްޔާރުވެ ތިބުމަކީ އެތަކެއް ފުރާނައެއް ސަލާމަތް ކުރުމަށް އެހީވެދޭނޭ ކަމެކެވެ.
އިސްވެ ދެންނެވުނު ދެހާލަތުން ކުރެ ކޮންމެ ހާލަތެއް ދިމާވި ނަމަވެސް އެންމެ އެދެވޭ ގޮތަކީ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީއަށް އެދުމެވެ. ނަމަވެސް މި ލިއުމުގައި މި ބަލާލަނީ ހޭވެރިކަން ނެތް މީހަކު ފެނުމުން އެމީހަކާއި މެދު އެންމެ ފުރަތަމަ އަމަލުކުރަންޖެހޭނޭ ގޮތްތަކަށެވެ.
ހޭވެރިކަން ނެތް މީހާ ނޭވާ ނުލާނަމަ، އޭނާގެ އަނގަ ނުވަތަ ނޭފަތް ބަލާލާށެވެ. އަދި ނޭވާ ހޮޅިއަށް އެއްވެސް ތާށިކަމެއްވާ ފަދަ ކަމެއް އޮތްތޯ ބަލާލާށެވެ. ހޭނެތިފައި ތިބޭ ބައެއް މީހުންގެ ދޫ ފުރުޅި، މަތީ ތަލީގައި ޖެހިފައި ހުރެދާނެއެވެ. މިއީ ނޭވައިލުމަށް ދަތިކުރުވާނޭ ކަމެކެވެ. އެހެންކަމުން އެފަދަ ހާލަތުގައި މަޑުމަޑުން އޭނާގެ ބޯ ހިއްލާލާ ހަރަކާތް ކޮށްލުމަށްފަހު އެކަން ރަނގަޅު ކޮށްލާށެވެ. މިގޮތަށް ބޯ ހަރަކާތް ކުރުވާއިރު، މައިބަދައަށް އަނިޔާއެއް ވެފައިވާ މީހެއް ނަމަ ވަރަށްބޮޑަށް ސަމާލުވާން ޖެހޭނެއެވެ. އެގޮތުންވެސް ހޭވެރިކަން ނެތް މީހާ ނޭވައި ނުލާނަމަ ވިންދު ހުރިތޯ ބަލައިލާށެވެ. ވިންދު ނެތްނަމަ ސީ.ޕީ.އާރު ދޭން ތައްޔާރުވާށެވެ. ސިއްހީ އެހީތެރިއެއްގެ އެހީ އަށް އެދެންވެސް ވާނެއެވެ. މިފަދަ ހާލަތްތަކުގައި އަވަސްފަރުވާ، އަވަހަށް ފެށުން ވަރަށްވެސް މުހިންމު ވާނެއެވެ.
ވިންދު ނެތް މީހެއްނަމަ ސީ.ޕީ.އާރު ދޭންވާނެއެވެ. ވިންދު ހުރިތޯ ބެލުން އެންމެ ރަނގަޅުވާނީ ކަރުދޮށުގެ ނާރުންނެވެ. (ޖުގުލާ ވެއިން). ސީ.ޕީ.އާރު ދިނުމުގައި އެންމެ މޮޅުއިތުރުވެގެންވާނީ އެކަމުގެ ތަޖުރިބާއާއި ތަމްރީނު ހުރި މީހަކު އެކަން ކުރުމެވެ. ނަމަވެސް އެފަދަ އެހީތެރިއެއްގެ އެހީ ނުލިބި ލަސްވާނަމަ އަމިއްލައަށް އެކަން ކުރަން ފެށިދާނެއެވެ. އަމިއްލައަށް ސީ.ޕީ.އާރު ދޭނެ ގޮތަކީ، ހޭނެތިފައި އޮތް މީހާ، އެއްވަރު ތަނެއްގައި އުޑުތިލަ މަތިން ބާއްވާނީއެވެ. އެއަށް ފަހު އޭނާގެ ކޮނޑާއި ކަރާ ސީދާވާގޮތައް އޭނާގެ ކައިރީގައި ކުޑަކަކޫ ޖަހާލާށެވެ.

ހޭނެތިފައިވަނީ ބޮޑުމީހެއް ނަމަ، އޭނާގެ މޭމަތީގައި މޭ ކަށިގަނޑުގެ މެދަށްވާ ގޮތަށް އަތްތިލަ ބާއްވާލާށެވެ. އަދި އަނެއް އަތް، އެ އަތްތިލައިގެ މަތީގައި ބާއްވާލާފައި، މަތިިން ބޭއްވި އަތުގެ އިނގިލިތައް ދަށުގައިވާ އަތުގެ އިނގިލިތަކުގެ ދޭތެރެއަށްވާގޮތަށް ލައްޕާލާށެވެ. ހޭނެތިފައިވަނީ ކުޑަކުއްޖެއްނަމަ ބޭނުން ކުރާނީ އެންމެ އަތެކެވެ. އަދި ތުއްތު ކުއްޖެއްނަމަ ބޭނުން ކުރަނީ ދެ އިނގިއްޔެވެ.
ސީ.ޕީ.އާރު ދޭ އިރު ތުއްތު ކުދިންނަށް އޮބާލަން ޖެހޭ ބާރުމިން ބޮޑެތި މީނުންނަށް ވުރެ ކުޑަވާނެއެވެ. ބޮޑުމީހަކަށް ދޭނަމަ، 2 އިންޗި ވަރު އަޑިއަށް އޮބާލެވެން ވާނެއެވެ. މިގޮތަށް އޮބާލާއިރު، އުޅަނބޮށިން ދުލެއް ދީގެން ނުވާނެއެވެ. ދެ އަތް ސީދާކޮށް ބެހެއްޓުމަށް ފަހު އޮބާލަން ވާނީ މީހާގެ ބަރަށެވެ. މިގޮތަށް މިނެޓަކު 100 އާއި 120 ފަހަރާއި ދެމެދު ހަދަންވާނެއެވެ. ސިއްހީ އެހީތެރިއެއްގެ އެހީ ލިބެންދެން ނުވަތަ ހޭނެތިފައިވާ މީހާގެ ވިންދު ލިބެންދެން މިކަން ތަކުރާރު ކުރަން ވާނެއެވެ.
ހޭނެތިފައިވާ މީހާ ނޭވާލާނަމަ ދެން ހަދަންޖެހޭނެ ގޮތަކީ އެމީހަކު "ރިކަވަރީ ޕޮޒިޝަން" އަށް ލުމެވެ. އެހެނީ މި ގޮތައް ބޭއްވުމުން ނޭވައިލާން ފަސޭހަވެ ހަށިގަނޑަށް ލުއިކަމެއް އިހުސާސް ކުރެވޭނެތީއެވެ. "ރިކަވަރީ ޕޮޒިޝަން" އަށް ލާނެ ގޮތަކީ، ސީ.ޕީ.އާރު ދިނުމަށް އިށީނދެ އިންނަގޮތަށް މީހާގެ ވާތްފަރާތުގައި އިށީނދެލާށެވެ. އަދި އޭނާގެ ކަނާތު އަތްތިލަ، އޭނާގެ ވައަތު ކޯތާފަތް މަތީ ބާއްވާލާށެވެ. އަދި ވާތް، އޭނާގެ ބޮލާ ދިމާލަށް ވާގޮތަށް ބިންމަތީގައި ބާއްވާލާށެވެ. އެއަށްފަހު އޭނާގެ ކަނާތު ފައިގެ ކަކުލު ހުޅުން ލަނބާލާށެވެ. ދެން އޭނާގެ ވާތްފަރާތަށް ވާގޮތަށް (ތިމާއާއި ވީ ފަރާތަށް) އަރިއަށް ޖަހާލާށެވެ. މިގޮތަށް މީހާ އޮންނަ އިރު މިއަށް ރިކަވަރީ ޕޮޒިޝަންއޭ ކިޔައެވެ.

ސިއްހީ އެހީތެރިއެއްގެ އެހީ ލިބެންދެން މިގޮތުގައި މަޑު ކުރާށެވެ. އަބަދުވެސް މިފަދަ ހާލަތްތަކުގައި އެންމެ ފުރަތަމަވެސް ސިއްހީ އެހީތެރިންގެ އެހީއަށް އެދުން ވަރަށްވެސް މުހިންމެވެ. ލަސްނުކޮށް އަވަސް ފަރުވާ ދެވޭތޯ ބެލުން މުހިންމެވެ.
