ދިވެހި ގައުމާއި އިސްލާމް ދީނަށް ލޯބިކުރާ، ރަނގަޅު އުޅުމެއް ހުރި ދަރިންތަކެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި ވަނީ ތައުލީމީ ދާއިރާ ހިންގެވުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި، ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ހުރިހާ ދަރިވަރުންނަށް ވެސް އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި ގައުމަށް ބޭނުންވާ ހަރުދަނާ އަދި ހީވާގި ދަރިންތަކެއް އުފެއްދުމުގެ އަސާސަކީ ތައުލީމުގެ ތެރެއިން ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. އަދި ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ތައުލީމީ ހިޔާވަހިކަމުގެ ދަށުން ނުކުންނަ ކުދިންނަކީ ތޫނުފިލި، ހެޔޮލަފާ އަދި ރިވެތި އުޅުމެއް ހުރި ކުދިންތަކަކަށް ހެއްދެވުމަށް އެމަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށާއި، ޓީޗަރުންނާއި ސްކޫލްތަކުގެ އެހީތެރިންނަށް ދިރާސީ އާ އަހަރުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މެޑަމް ސާޖިދާ ވަނީ މި ފެށުނު ދިރާސީ އާ އަހަރަކީ ކޮންމެ ކިޔަވާ ކުއްޖަކަށް ވެސް ފާގަތި އަދި ބާއްޖަވެރި އަހަރަކަށް ވުމަށް އެދިވަޑައިގެންފައެވެ. މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ވަނީ އާ އަހަރުގެ ކިޔެވުން ފަށާފައެވެ.
