ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކުރި ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރިވަރުން ގަޑިއަށް ފަތިސް ނަމާދުކޮށްގެން ދުވަސް ފަށާތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކޮށްދެއްވުމަށް ހުރިހާ ބެލެނިވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ނަމާދަށް ފަރުވާތެރިވުމަށާއި، މައިންބަފައިންނާއި ޓީޗަރުންގެ ބަސް އަހައިގެން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ތައުލީމީ ހަޔާތުގެ ބިންގަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުން ދައްކާ މަގުން ކަންކަން ކުރުމުން އެޅިގެންދާ ބިންގަލަކީ ގުޑުވާނުލެވޭނެ ވަރުގަދަ ބިންގަލެއް ކަމަށެވެ. ނަމަވެސް، ކިޔަވައި ނިމިގެން ނުކުންނައިރު ބިންގާ ބަލިކަށިވެ ރެނދުއަޅާފައިވާނަމަ، ހަޔާތުގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދެއްކުމަށް ޓީޗަރުންނާއި ބެލެނިވެރިންނަށް ގޮވާލެއްވިއެވެ.

މީގެއިތުރުން، "އިންކްލޫސިވް އެޑިއުކޭޝަން" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދު ހުޅުވުނު ޝަހީދު އަލީ ސްކޫލުގައި ވެސް އެ ވަސީލަތްތައް ގާއިމުވެފައި ހުންނާނެ ކަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މި ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މިއަދު ހުޅުވުނު ޝަހީދު އަލީ ސްކޫލަކީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ސްކޫލެކެވެ. އިއްޔެގެ ނިޔަލަށް 2000 އަށް ވުރެ ގިނަ ދަރިވަރުން އެންރޯލްވެފައިވާ މި ސްކޫލުގައި 54 ކްލާސްރޫމާއި، ސައިންސް ލެބްތަކާއި ލައިބްރަރީގެ އިތުރުން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.