ދިގު މުއްދަތަކަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ދުވަހުން ދުވަހަށް ކުރާ ކަންކަމަކީ ވަރަށް މުހިންމު ބިންގަލެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ހާމަކުރާ ގޮތުގައި، ކޮންމެ ދުވަހަކުވެސް އާދަކޮށް ކުރެވޭ ހެޔޮ ބަދަލުތަކުގެ ސަބަބުން، ހިތުގެ ބަލިތަކާއި، ސްޓްރޯކް، ހަކުރުބަލި އަދި ބައެއް ބާވަތްތަކުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއެވެ. މިގޮތުން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ހަރަކާތްތެރިވެ އުޅުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، އަދި ސިއްހަތަށް ގެއްލުންދޭ ތަކެތިން ދުރުހެލިވުމަކީ މުޅި ސިއްހަތު ސަލާމަތުން ބެހެއްޓުމަށާއި، ބަލިތަކުގެ ސަބަބުން ދިމާވާ މަރުގެ ނުރައްކަލުން ދުރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. (ވޯލްދް ހެލްތް އޯގަނައިޒޭށަން، 2025)

ހަމަހަމަ ކާނާއެއް ބޭނުންކުރުމަކީ ކޮންމެ ދުވަހަކުވެސް ކާނާގެ އެކި ބައިތައް ހިމެނޭ ތަފާތު ބާވަތްތައް ބޭނުންކުރުމެވެ. ޑަބްލިޔު.އެޗް.އޯ ގެ އިރުޝާދުތަކުގައިވާ ގޮތުން، ކާނާގައި ހިމެނޭ ލޮނާއި، ހަކުރާއި، އަދި ސިއްހަތަށް ގެއްލުންދޭ ސަރުބީ މަދުކޮށް، މޭވާ އާއި، ތަރުކާރީ އާއި، ގޮވާމުގެ ބާވަތްތަކާއި ލެގިޔުމްްސް އިތުރުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި ބަލިތަކުން ދުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ހަފްތާއަކު މަދުވެގެން 150 މިނިޓު ވަންދެން ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ އެ ނޫންވެސް މެދުމިންވަރެއްގެ ހަރަކާތްތެރި ކަމެއްގައި އުޅުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ވަރުގަދަކޮށްދޭ ކަމެކެވެ.(ވޯލްދް ހެލްތް އޯގަނައިޒޭށަން، 2025)

ހާވަޑް ހެލްތުގެ މާހިރުންވެސް ފާހަގަކުރައްވާ ގޮތުގައި، ދިގު މުއްދަތަކަށް ސިއްހަތު ދެމެހެއްޓުމަށްޓަކައި ދުވަހުން ދުވަހަށް ކުރާ ކަންކަން ވަރަށް މުހިންމެވެ. ހާވަޑް ހެލްތު ޕަބްލިޝިންގ އިން ބުނާ ގޮތުގައި، ފައިދާހުރި ކާނާ ކެއުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ބަރުދަން އެއްވަރެއްގައި ބެހެއްޓުމާއި، އަދި ގަވާއިދުން ހަރަކާތްތެރިވެ އުޅުމަކީ، މިފަދަ އާދަތައް ނުހުންނަ މީހުންނާ އަޅާބަލާއިރު ހިތުގެ ބަލިތަކާއި އެހެނިހެން ދިގު މުއްދަތުގެ ބަލިތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަންކަމެވެ. ކޮންމެ ދުވަހަކު ހިނގުމާއި، ނިދުމަށް ސަމާލުކަން ދިނުމާއި، އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ފުރިހަމަކޮށްދޭނެ ކަންކަމެވެ.(ހާވަޑް ހެލްތު، 2024)

ނިންމާލަމުން ދަންނަވާނަމަ، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކޮންމެ ދުވަހަކު ކުރާ ކަންކަމަކީ ކޮންމެހެން ފުރިހަމަ ކަމަކަށް ވާންޖެހުމަށްވުރެ، އެކަންކަން މެދުނުކެނޑި ދެމެހެއްޓުން މާ މުހިންމެވެ. ކޮންމެ ދުވަހަކުވެސް ގެނެވޭ ކުދިކުދި އަދި މެނޭޖްކުރެވޭ ފަދަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދިގު މުއްދަތަކަށް އޭގެ ހެޔޮ ނަތީޖާ ފެންނާނެއެވެ.