އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް ޝުކުރު އަދާކުރައްވައި، އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފިއެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ޕްރައިމް މިނިސްޓަރު މޯދީއަށް އަދި އިންޑިއާގެ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހޫނު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ޝުކުރިއްޔާ، ރައީސް މުޢިއްޒު.
— Narendra Modi (@narendramodi) January 27, 2026
އިންޑިއާގެ 77 ވަނަ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި އަރިސަކުރެއްވި ހޫނު ތަޙުނިޔާއާއި ހެޔޮއެދުން އިޙްތިރާމާއިއެކު ބަލައިގަންނަން.
ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް… https://t.co/Tzd0LhBHb6
މި މެސެޖަށް ޖަވާބު ދެއްވަމުން މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓު ލިޔުއްވާފައިވަނީ ދިވެހި ބަހުންނެވެ. އެ ޕޯސްޓުގައި މޯދީ ވިދާޅުވީ ރައީސް މުއިއްޒު އަރިސްކުރެއްވި ހޫނު ތަހުނިޔާ އާއި ހެޔޮއެދުންތައް އިހުތިރާމާ އެކު ބަލައިގަންނަ ކަމަށެވެ. އަދި ރައީސް މުއިއްޒަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.
މޯދީގެ މެސެޖުގައި އިތުރަށް ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް ވެސް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކޮށްފައިވަނީ އިއްޔެއެވެ. މި ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ވަނީ އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
