މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 150,000 އަށްވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ހުޅުމާލެ ފްލެޓް 06-2-39، އުމުރުން 39 އަހަރުގެ ޙަސަން އަޒުރާހުގެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށްގެން، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައި، އޮޅުވާލައިގެން 150,000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލައެކެވެ. މި މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ހަސަން އަޒުރާހު ހައްޔަރުކުރުމަށްފަހު، އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އޭގެ ފަހުން ބަންދު މުއްދަތު އިތުރުކުރަމުން ގޮސް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ބަންދު އިތުރުކުރީ، އޭނާ ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.

މީގެ އިތުރުން، މި މައްސަލައަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިހާރު ބަލައިގަނެފައިވާ މައްސަލައެއް ކަމަށާއި، ވީ އެންމެ އަވަހަށް މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ސްކޭމް މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ގ. މާލޭހިޔާ 1-16-03، އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ ވެށި، ޙުސައިން ސަމާޙު (33އ) އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.