މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު އުފުލުމަށް ބޭނުންކުރާ އާރުޓީޖީ ކެރޭނުތަކުގެ ނިޒާމު ޒަމާނީކޮށް، އެ ތަކެތި އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ. މިއީ ބަނދަރުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަލުވިކޮށް، އޮޕަރޭޝަންތައް ހަރުދަނާ ކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ ކެރޭނުތަކުގެ ކޮންޓްރޯލް އެންޑް ޑްރައިވް ސިސްޓަމް ޒަމާނީކުރުމުގެ މަސައްކަތް ކަމަށް އެ އޮފީހުން ބުންޏެވެ.

މި މަސައްކަތުގެ ދެވަނަ ފިޔަވަހި ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ. ދެ ވަނަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކެރޭނުތަކުގެ އިންޖީނާއި ހަކަތައިގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ އާރުޓީޖީ ކެރޭނުތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ތަކެއްޗެވެ. އެ ނިޒާމަށް މިހާރު 19 އަހަރު ވެފައިވާއިރު، މިއީ އެ ތަކެއްޗަށް ގެންނަ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ގިނަ ދުވަސްވީ ތަނަކަށްވެފައި، ޖާގައިގެ ދަތިކަން ވަނީ ބޮޑުވެފައެވެ. އެހެންކަމުން ބަނދަރުގެ މަސައްކަތްތައް ހަލުވިކުރުމަށް މިފަދަ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޖާގައިގެ މައްސަލަ ހައްލުކުރުމަށް ތިލަފުށީ ބަނދަރު ތަރައްގީކޮށް، ބައެއް އޮޕަރޭޝަންތައް އެ ތަނަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.