ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ "ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓް"ގެ ދަށުން، އެ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ފަސް މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މީގެ އިތުރުން މި ގްރާންޓުގެ ދަށުން ހިންގާ އިތުރު ދެ މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރުމާ ގުޅިގެން، މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި މުވައްޒަފުންނަށް ހުޅުވާލި ފުރުސަތެކެވެ. މި ގްރާންޓުގެ ދަށުން ހިންގާފައިވާ މަޝްރޫއުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ތައުލީމާއި ތިމާވެއްޓާއި ގުޅުންހުރި އިޖުތިމާއީ ކަންކަން ރަނގަޅު ކުރުމަށެވެ.

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރުންނަށް ހާއްސަކޮށް ހަދާފައިވާ ސްޓަޑީ އަދި ރީޑިން ސަރަހައްދު ހިމެނެއެވެ. ގުދުރަތީ ފެހިކަން ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަނުގައި ވޯޓާ ރެސިސްޓެންޓް ބެންޗާއި މޭޒު ބަހައްޓައި، ފޮތް ކިޔުމަށް ހަމަހިމޭން މާހައުލެއް ވަނީ ގާއިމުކޮށްފައެވެ. ހަމައެއާއެކު ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި، ފެނާއި ވެލި ކުޅޭ ސަރަހައްދެއް ތަރައްގީކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ސްކޫލްތަކަށް އަމާޒުކޮށް ހިންގި އިތުރު މަޝްރޫއުތަކުގެ ތެރޭގައި ގދ. އަތޮޅު ސްކޫލުގައި ބެލެނިވެރިންނާއި ދަރިވަރުންނަށް އިށީނދެ ތިބެވޭނެ ބެންޗުތަކެއް ވަނީ ބަހައްޓައިފައެވެ. އަދި ހއ. މުރައިދޫ ސްކޫލުގައި ކްލާސްރޫމްތަކާއި އިދާރީ ބައިތައް ގުޅުވާލުމަށް ހާއްސަ ވޯކްވޭއެއް ހަދައި، ކޮންމެ މޫސުމެއްގައި ވެސް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ރައްކާތެރި އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ "ސްޓޫޑަންޓް ރިސޯސް ހަބް"އެއް ގާއިމުކޮށްފައެވެ. މިއީ ސިއްހީ ދާއިރާއިން ކިޔަވާ ކުދިންނަށް ހާއްސަ ތަނެކެވެ. މިތަނުގައި ބޭސްފަރުވާއާ ގުޅޭ މުހިންމު ފޮތްތަކާއި، "ތްރީ-ޑީ އެނަޓޮމީ އެޓްލަސް" ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން މައިކްރޮސްކޯޕް ފަދަ ލެބޯޓްރީ ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް ބޭންކުން ބުންޏެވެ.