އުމުރުން 32 އަހަރުގެ ޓިފަނީ ނަމަކަށް ކިޔާ އެމެރިކާގެ އަންހެނަކު ޑްރަގް އޯވަރޑޯޒްވެގެން މަރުވުމުން އޭނާގެ 15 މަހުގެ ފިރިހެންދަރިފުޅަށް ކާންނުލިބި، އެދަރިފުޅު ވެސް މަރުވެއްޖެއެވެ.
އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯރޓްކޮށްފައިވާ ގޮތުން، ޓިފަނީ ޑްރަގް އޯވަރޑޯޒްވެގެން މަރުވެފައި ގޭގައި އޮންނަތާ ދުވަސްތަކެއް ވެދާނެއެވެ.
ފުލުހުން ބުނެފައިވަނީ، އޭނާ މަރުވެފައިވާކަން ފުލުހުންނަށް އެނގުނީ ޕްރޮބޭޝަނ އޮފިސަރ އަކު ޓިފަނީގެ ހާލުބަލާލަން އެގެއަށް ގޮސް ދޮރު ތަޅުލާފައި ހުރުމުން ކުޑަދޮރުން ބެލިި އިރު ޓިފަނީ ބިންމައްޗަށް ވެއްޓިފައި އޮތްމަންޒަރު ފެނިގެން ކަމާބެހޭ ފަރާތަށް އެންގުމުންނެވެ. ފުލުހުން ބުނީ ޓިފަނީ މަރުވެފައި އޮންނަތާ ދުވަސްތަކެއް ވެފައި ވާކަމަށާއި 15 މަހުގެ ނިކޮލަސް އަށް ކާނެއެއްޗެއް ނުލިބި އޭނާ މަރުވެފައިވަނީ ބަނޑުހައި ހޫނުކަންމަތީގައި ކަމަށް އެކުއްޖާގެ އޮޓޮޕްސީ ރިޕޯރޓުން ދައްކާ ކަމަށެވެ.
ޓިފަނީ އާއި ތުއްތު ކުއްޖާ މަރުވި އިރު، ޓިފަނީގެ އުމުރުން 3 އަހަރުގެ އަންހެން ކުއްޖާ އެގޭގައި ދިރިހުއްޓާވަނީ ފެނިފައެވެ. ތިން އަހަރުގެ އަންހެން ކުއްޖާ އޭނާގެ ކޮއްކޮ ނިކޮލަސް އަށް ކާންދޭން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން ހިކިފައިވާ ފެނުކެއްކި ބިހުގެ ބައިތަކަކާއި ބިހުގެ ތޮށި ތަކެއް މަރުވެފައިވާ ނިކޮލަސްގެ ހަށިގަނޑު ކައިރިން ފެނިފައި ވެއެވެ. ތިން އަހަރުގެ ދައްތަ ކޮއްކޮ ސަލާމަތް ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓިފަނީގެ ތިން އަހަރުގެކުއްޖާ އަށްވެސް ކާންނުލިބުމުގެ ސަބަބުން ހާލު ދެރަވެފައިވާތީ މިހާރު އެކުއްޖާ އަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ މެއިލް އޮންލައިންގައި ބުނެފައިވަނީ ޓިފަނީގެ ޕޯސްޓްމޯޓްމް ރިޕޯރޓުން ދައްކާގޮތުގައި އޭނާ ވަނީ ދެވައްތަރެއްގެ ޑްރަގެއް އެއްފަހަރާ ބޭނުންކޮށްފައެވެ.
އޭނާ އަކީ މީގެ ކުރިންވެސް މިފަދަ އަމަލުތަކެއް ހިންގައިފައިވާ މީހެކެވެ. އެކަމަށް އޭނާ ވަނީ ފަރުވާވެސް ކޮށްފައެވެ. ޓިފަނީ މަރުވި އިރު އޭނާގެ ލޯބިވެރިޔާ އެގޭގައި ދިރިނޫޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓިފަނީ އޯވަޑޯސް ވާންވީ ސަބަބެއް އަދި ފުލުހުންނަށް ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
