ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަށައިފިއެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ "އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް" (އައިއެންއޭއެޗް) އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ ގުޅިގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުނިތަކާއި އިންޓަނޭޝަނަލް ކުންފުނިތަކަކަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން އާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ) ހިމެނެއެވެ. އަދި އިންޓަނޭޝަނަލް ކުންފުނިތަކުގެ ތެރެއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އަށެވެ.

މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަކީ އެމްއެމްއޭއާއި ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ އާންމުންނަށް ލުއި ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.