ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހައި ފުރިހަމަކަމަކާއި މަތިވެރިކަމެއް ލިބިވޮޑިގެންވާ އިލާހެވެ. އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކު ދުޢާކުރުމަކީ އަޅުކަމުގެ މުޚައްލެވެ. މިގޮތުން މާތް ﷲ އަށް ދުޢާކުރާއިރު، އެކަލާނގެ މޫރިތި އިސްމުފުޅުތަކުން ދުޢާކުރުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ މަތިވެރި ކަމެކެވެ.
މާތް ﷲ އީ އެންމެހައި ރިވެތިކަމާއި މަތިވެރިކަމެއް ލިބިގެންވާ އިސްމުފުޅުތަކެއްގެ ވެރިކަލާނގެއެވެ. އެކަލާނގެ ކޮންމެ ނަންފުޅަކީވެސް ފުރިހަމަ ސިފަފުޅުތަކަކަށް ދޭހަކޮށްދޭ، އެއްވެސް އުނިކަމެއް ނެތް މަތިވެރި ނަންފުޅުތަކެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿180﴾ وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ. މާނައީ: އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حق މަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ." (އަލް ޢަޢްރާފް 180 ވަނަ އާޔަތް)
އަޅުގަނޑުމެން ކަމަކަށް އެދި ދުޢާކުރާއިރު، އެ އެދޭ ކަމަކާ ގުޅޭ އިސްމުފުޅެއް ބޭނުންކުރުމަކީ ދުޢާ އިޖާބަވުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ. މިސާލަކަށް، ފާފަ ފުއްސެވުމަށް އެދޭއިރު "ޔާ ޣައްފާރު" (އޭ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާކޮ!) ނުވަތަ ރަޙުމަތަށް އެދޭއިރު "ޔާ ރަޙްމާން" (އޭ ރަޙުމާންވަންތަ ރަސްކަލާކޮ!) ކިޔައި ދުޢާކުރުމަކީ އެދެވިގެންވާ ގޮތެކެވެ. މީގެ އިތުރުން ރިޒުޤަށް އެދޭއިރު "ޔާ ރައްޒާޤު" ކިޔައި ދުޢާކުރުމުން، އެކަލާނގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމަށް އަޅާ އިޢުތިރާފްވާކަން ހާމަވެ ހިތަށް އެކަލާންގެ އޯގާވަންތަކަން ސިފަވެގެން ދާނެއެވެ.
މާތް ﷲ ގެ އިސްމުފުޅުތައް ދަސްކޮށް، އޭގެ މާނަ ދެނެގަތުމަކީ އެކަލާނގެއަށް އޮންނަ ލޯތްބާއި ބިރުވެތިކަން އިތުރުވެ، އީމާންކަން ވަރުގަދަވާނެ ކަމެކެވެ.
މާތް ﷲ ގެ މޫރިތި އިސްމުފުޅުތަކަކީ އަޅުގަނޑުމެންނާއި ޚާލިޤުވަންތަ ރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ ވަސީލަތެކެވެ. އެކަލާނގެ މަތިވެރިކަމާއި މޫރިތިކަމުން ފުރިގެންވާ ނަންފުޅުތަކުން ދުޢާކުރުމަކީ، އަޅާގެ ނިކަމެތިކަން ގަބޫލުކޮށް، އެކަލާނގެ ފުރިހަމަކަމަށް ހެކިވުމެވެ. އެހެންކަމުން، ކޮންމެ މުސްލިމަކީވެސް މި މަތިވެރި އިސްމުފުޅުތަކުގެ ބޭނުން ހިފައި، ދުޢާގެ ޒަރީޢާއިން ﷲ ގެ ހަޟްރަތާ ކައިރިވާ މީހަކަށް ވާންޖެހެއެވެ.
