ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި އިންވެސްޓްކުރެވޭނެ އިގުތިސޯދީ ހަރަކާތްތަކުގެ ދާއިރާތައް ކަނޑައަޅައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަރާރެއް ނެރުއްވައިފިއެވެ. މި ގަރާރުގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އެސްއީޒެޑްގެ ދަށުން ހިންގޭނެ މަސައްކަތްތަކުގެ ލިސްޓަށް ތެލާއި މައުދަން ހޯދުމުގެ މަސައްކަތް އިތުރުކުރުމެވެ.
ރައީސް ނެރުއްވި މި ގަރާރުގައި، އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު ވެސް ވަނީ ކަނޑައަޅުއްވައިފައެވެ. އެގޮތުން ޓައުންޝިޕް މަޝްރޫއުތައް ފިޔަވައި އެހެނިހެން އިގުތިސޯދީ މަސައްކަތްތައް ހިންގުމަށް މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ޖެހޭނެއެވެ. އަދި ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 500 މިލިއަން ޑޮލަރު ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އިންވެސްޓްކުރެވޭ ދާއިރާތަކުގެ ލިސްޓު މުރާޖައާކުރިއިރު، މީގެ ކުރިން އެ ލިސްޓުގައި އޮތީ ހަމައެކަނި ގޭސް އެކްސްޕްލޮރޭޝަން ނުވަތަ ގޭސް ހޯދުމުގެ މަސައްކަތެވެ. ނަމަވެސް، އަލަށް ނެރުނު ލިސްޓުގައި އެ ދާއިރާ ވަނީ ފުޅާކޮށް، ތެލާއި ގޭހުގެ އިތުރުން އެކި ކަހަލަ މިނެރަލްސް ނުވަތަ މައުދަން ހޯދުމުގެ މަސައްކަތް ވެސް ހިމަނައިފައެވެ.
މީގެ އިތުރުން އެސްއީޒެޑްގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެކްސްޕޯޓަށް އަމާޒުކޮށްގެން ހިންގާ މެނުފެކްޗަރިންގެ މަސައްކަތްތަކާއި، ޓްރާންސްޝިޕްމަންޓް ޕޯޓާއި، އިންޓަނޭޝަނަލް ލޮޖިސްޓިކްސް އަދި ބަންކަރިން ފަދަ ޕޯޓާ ގުޅުންހުރި ހިދުމަތްތައް ހިމެނެއެވެ. އަދި އިއާދަކުރަނިވި ހަކަތައާއި ފުޑް ސެކިއުރިޓީގެ ދާއިރާއަކީ ވެސް އިންވެސްޓްކުރެވޭނެ ދާއިރާތަކެވެ.
ހަމައެއާއެކު، ސިއްހީ އަދި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ޓަކައި، ޔުނިވާސިޓީތަކާއި، ޓާޝަރީ އަދި ސްޕެޝަލިޓީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ އައިސީޓީ ޕާކުތައް ހެދުމާއި، ރާއްޖޭގައި މިހާތަނަށް ނެތް އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމަށް ހިންގާ މަޝްރޫއުތައް ވެސް މި ލިސްޓުގައި ހިމެނެއެވެ.
އެސްއީޒެޑް ގާނޫނު ބުނާގޮތުން، ކޮންމެ އަހަރަކު ވެސް އެ ޒޯންތަކުގައި އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅަން ޖެހެއެވެ. ރައީސްގެ ގަރާރަކުން މި ކަންކަން ކަނޑައަޅުއްވަނީ ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތިންނެވެ.
