އުމުރަށް ވުރެ ތޫނުފިލި ކުދިން ދެނެގަނެ، އެ ކުދިންގެ ގާބިލުކަމާ އެއްވަރަށް ތައުލީމީ ކަންކަން ކުރިއަށް ގެންދެވޭނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމަށް ހައި ކޯޓުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފިއެވެ. މިއީ ތައުލީމީ ނިޒާމުގެ ތެރޭގައި ތިބި އާދަޔާ ހިލާފު މޮޅު ކުދިން، ކިޔެވުމަށް ފޫހިވިޔަ ނުދީ އެ ކުދިންގެ ހުނަރު ކުރިއެރުވުމަށްޓަކައި ކުރި މުހިންމު ހުކުމެކެވެ.
މި ހުކުމް ކޮށްފައިވަނީ ކެންގަރޫ ކިޑްސްގައި ކިޔަވަމުންދިޔަ ދަރިވަރަކު، ސްކޫލް ނިޒާމުގެ ތެރޭގައި އުޅެނިކޮށް އަލަށް ނެރުނު ސާކިއުލާއަކާ ގުޅިގެން ރިޕީޓްކުރުމަށް އެންގި މައްސަލައެއްގައި ބެލެނިވެރިޔާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ބެލެނިވެރިޔާ ފާހަގަކޮށްފައިވަނީ އެ ދަރިވަރަކީ އުމުރަށް ވުރެ ތޫނުފިލި، އަދި މަތީ ގްރޭޑެއްގައި ކިޔެވުމުގެ ގާބިލުކަން ހުރި ކުއްޖެއް ކަމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކަށް ބަލާއިރު، ކުއްޖާގެ ހާއްސަ ހާލަތްތަކަށް ރިއާޔަތްކޮށް ތައުލީމު ބައްޓަންކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ގޮތުން ކުއްޖާގެ ހެދިބޮޑުވުމުގެ ދުވެއްޔަށާއި އުމުރަށް ވުރެ ތަބީއީ ތޫނުފިލިކަން އިތުރުވެފައިވާ މިންވަރަށް މިނިސްޓްރީން އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށްފައި ނުވާ ކަމަށް ކޯޓުން ފާހަގަކުރިއެވެ.
ތޫނުފިލި ކުދިންނަށް އެ ކުދިންގެ ފެންވަރާ އެކަށީގެންވާ ގޮންޖެހުންތައް ކުރިމަތިނުވާނަމަ، ކިޔެވުމަށް ފޫހިވުމުގެ ފުރުސަތު އޮންނާނެކަން ހައި ކޯޓުން ފާހަގަކުރިއެވެ. އެހެންކަމުން އެފަދަ ކުދިންގެ އެންމެ މަތީ ގާބިލުކަމަށް ވާސިލުވުމަށްޓަކައި މަގުކޮށައިދިނުމަކީ ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މިކަން ހައްލުކުރުމުގެ ގޮތުން ކޯޓުން އަމުރުކޮށްފައިވަނީ، ހަމައެކަނި މައިންބަފައިން އަމިއްލަ ހައިސިއްޔަތުން ހަދާ ޓެސްޓުތަކަށް ބެލުމުގެ ބަދަލުގައި، ދައުލަތް ގަބޫލުކުރާ މިންގަނޑުތަކެއްގެ ތެރެއިން މިފަދަ ކުދިން ދެނެގަނެވޭނެ އުސޫލުތަކެއް އެކުލަވާލުމަށެވެ. މީގެ ބޭނުމަކީ އާދަޔާ ހިލާފު ގާބިލުކަން ހުރި ކުދިންގެ ތައުލީމީ ދުވެލި އެ ކުދިންގެ ގާބިލުކަމާ އެއްހަމަކޮށް، އެ ކުދިންނަށް ހައްގުވާ ފުރުސަތުތައް ހޯދައިދިނުމެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ވެސް އުމުރުން ހަގު ކުދިން އޭލެވެލް ހަދައިގެން ރަނގަޅު ނަތީޖާ ހޯދަމުން އަންނަ ކަމަށެވެ. އެހެންކަމުން އުމުރަށްވުރެ ތޫނުފިލި ކުދިން ތިބިކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، ތައުލީމީ ނިޒާމުގައި ހަމައެކަނި ދަށް ކުދިން ރިޕީޓްކުރުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މޮޅު ކުދިންނަށް ވެސް ކުރިއަށް ދެވޭނެ ގޮތްތައް ހަމަޖެހިފައި އޮންނަންވާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
