ދާދި ފަހުން ހައި ކޯޓުން ކުރި ތާރީހީ ހުކުމަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި "ބޮކި ދިއްލުނު" ވަގުތުކޮޅެކެވެ. އުމުރަށް ވުރެ ތޫނުފިލި ކުދިން، އެ ކުދިންގެ ފެންވަރަށް ވުރެ ދަށް ކްލާސްތަކެއްގައި ބޭތިއްބުމަކީ އެ ކުދިންގެ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށް ކޯޓުން ކަނޑައެޅިއިރު، މިއީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫނެވެ. މިއީ ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފުން އަސަރުތަކެއް ކުރުވާ، އަދި ގިނަ ފަހަރަށް މުޖުތަމައަށް ނުވިސްނި އޮތް ބޮޑު މައްސަލައެކެވެ. ކުލާސްރޫމްގައި ފޫހިވެފައި އިންނަ ކުއްޖާއަކީ ކިޔަވާހިތްނުވާ ކުއްޖެއް ކަމަށް މުދައްރިސުންނަށް ހީވިޔަސް، ހަގީގަތުގައި އެއީ އެ ކުއްޖާގެ ސިކުނޑިއަށް ބޭނުންވާ "ކާނާ" ނުލިބިގެން ދިމާވާ ކަމެއް ކަމަށް ވެދާނެއެވެ.
އާދަޔާ ހިލާފަށް ތޫނުފިލި ނުވަތަ "ގިފްޓެޑް" ކުދިންނާ ބެހޭގޮތުން ދުނިޔޭގެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ މިހާލީ ޗިކްސެންޓްމިހާލީ ހުށަހަޅުއްވާފައިވާ "ފްލޯ ތިއަރީ" އަކީ މިކަން ދެނެގަތުމަށް މުހިންމު ނަޒަރިއްޔާއެކެވެ. އޭނާ ވިދާޅުވާ ގޮތުގައި "އިންސާނަކަށް ކަމެއް ކުރަން އެންމެ ހިތްހަމަޖެހޭނީ އެމީހެއްގެ ހުނަރާއި ގާބިލުކަމާ އެއްވަރުގެ ގޮންޖެހުމެއް،" ލިބިގެންނެވެ. ކުއްޖާގެ ގާބިލުކަން މަތިވެފައި، ކުލާހުގައި ނަގާދޭ ފިލާވަޅުގެ ފެންވަރު ދަށްނަމަ، އެ ކުއްޖާ ވަންނާނީ "ބޯޑަމް" ނުވަތަ ފޫހިވުމުގެ ހާލަތަށެވެ. މިއީ ހަމައެކަނި ވަގުތީ ފޫހިކަމެއް ނޫނެވެ. މިއީ ކުއްޖާގެ އުނގެނުމުގެ ޝައުގުވެރިކަން މުޅިން ނެތިކޮށްލާ ފަދަ ނުރައްކާތެރި ހާލަތެކެވެ.
އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯ ގިފްޓެޑް ޗިލްޑްރަން (އެންއޭޖީސީ) އިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ސްކޫލް ނިޒާމުގެ ތެރޭގައި އެންމެ ގިނައިން އަޅާނުލެވި ދޫކޮށްލެވޭ ބަޔަކީ ތޫނުފިލި ކުދިންނެވެ. މިފަދަ ކުދިންނަށް ކުލާހުގައި ކިޔަވައިދޭ އެއްޗެހި މާ ފަސޭހައިން ދަސްވުމުން، ބާކީ އޮންނަ ވަގުތުތަކުގައި ކުރާނެ ކަމެއް ނެތި ފޫހިވެއެވެ. ނަތީޖާއެއްގެ ގޮތުން ކުލާހުގައި ވާހަކަދެއްކުމާއި، އެހެން ކުދިންނަށް އުނދަގޫކުރުން ފަދަ "ޑިސްރަޕްޓިވް" އަމަލުތައް މި ކުދިންގެ ފަރާތުން ފެނެއެވެ. ގިނަ ފަހަރަށް މުދައްރިސުންނަށް މިކަން މާނަކުރެވެނީ ކުއްޖާގެ އަހުލާގީ މައްސަލައެއްގެ ގޮތުގައެވެ. ނުވަތަ އެއީ އޭޑީއެޗްޑީ ހުންނަ ކުއްޖެއް ކަމަށް ވެސް ލޭބަލް ކުރެވޭ ފަހަރު އާދެއެވެ.
މިކަމާ ގުޅޭގޮތުން މަޝްހޫރު ސައިކޮލޮޖިސްޓް ޖޭމްސް ޓީ. ވެބް ލިޔުއްވާފައިވާ "މިސްޑައިގްނޯސިސް އެންޑް ޑިއުލް ޑައިގްނޯސަސް އޮފް ގިފްޓެޑް ޗިލްޑްރަން" ގައި ބަޔާންކުރައްވާ ގޮތުގައި، ތޫނުފިލި ކުދިންގެ ސިކުނޑި މަސައްކަތްކުރާ ބާރުމިނާއި ކުލާހުގެ މާހައުލު ނުބައްދަލުވުމުން އުފެދޭ ހާސްކަމާއި ފޫހިކަން ބޭރުކުރަނީ ހަށިގަނޑުގެ ހަރަކާތްތަކުންނެވެ.
"މިއީ ސަމާލުކަން ދިނުމުގެ މައްސަލައެއް ނޫން. މިއީ ޝައުގުވެރިކަން ކުޑަވުމުގެ މައްސަލައެއް،" ވެބް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ހައި ކޯޓުން ބެލި މައްސަލައިގައި ވެސް ފާހަގަކުރެވުނު އެއް ނުކުތާއަކީ، ކުއްޖާގެ ގާބިލުކަމާ ނުބައްދަލު ދަށް ގްރޭޑެއްގައި ބެހެއްޓުމުން ކުއްޖާއަށް ލިބޭ ނަފްސާނީ ގެއްލުމެވެ.
ތޫނުފިލި ކުދިންނަށް ދިމާވާ އަނެއް ނަފްސާނީ ގޮންޖެހުމަކީ "އެސިންކްރޮނަސް ޑިވެލޮޕްމަންޓް" ނުވަތަ އެކި ދާއިރާތަކުން ހެދިބޮޑުވުމުގައި ހުންނަ ތަފާތުތަކެވެ. ދަ ކޮލަމްބަސް ގްރޫޕްގެ ދިރާސާތަކުން އެނގޭ ގޮތުގައި، މިފަދަ ކުދިންގެ ވިސްނުމުގެ ފެންވަރު އެ ކުދިންގެ އުމުރަށް ވުރެ މާ މަތި ނަމަވެސް، ޖަޒުބާތީ ގޮތުން ނުވަތަ އިމޯޝަނަލްކޮށް އެ ކުދިން ތިބެނީ އެ ކުދިންގެ އަސްލު އުމުރުގައެވެ. މިސާލަކަށް 6 އަހަރުގެ ކުއްޖަކަށް ދުނިޔޭގެ މައްސަލަތަކާ މެދު 12 އަހަރުގެ ކުއްޖަކު ވިސްނާ ފަދައިން ވިސްނިދާނެއެވެ. ނަމަވެސް އެކަމާ ދެރަވެ ރޯން ފަށާނީ 6 އަހަރުގެ ކުއްޖެއް ފަދައިންނެވެ. މި ދެމެދުގައި އޮންނަ ފަރަގުގެ ސަބަބުން ކުއްޖާއަށް ބޮޑު ނަފްސާނީ އުނދަގޫތަކާ ކުރިމަތިވެއެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސާ ކަރެން ރޮޖާސް، އޭނާގެ ދިރާސާތަކުގައި ފާހަގަކުރައްވާ ގޮތުގައި ތޫނުފިލި ކުދިން އެކަށީގެންވާ ގޮތެއްގައި "ޗެލެންޖް" ނުކުރެވޭނަމަ، އެ ކުދިންގެ ކިބައިގައި "އަންޑަރއެޗީވްމަންޓް" ނުވަތަ ގާބިލުކަމަށް ވުރެ ދަށް ނަތީޖާ ހޯދުމުގެ އާދަ އަށަގަނެއެވެ. ފަސޭހައިން އޭ ގްރޭޑް ލިބޭތީ، ބުރަކޮށް މަސައްކަތްކޮށްގެން ކިޔަވާކަށް މި ކުދިންނަކަށް ނުޖެހެއެވެ. ނަތީޖާއަކަށް ވަނީ، މަތީ ތައުލީމާ ހަމައަށް ނުވަތަ އުނދަގޫ މަސައްކަތަކާ ޖެހުމުން، މަސައްކަތް ކުރާނެ ގޮތް ނޭނގި، ފެއިލްވުމެވެ. މިއީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުދިން ރިޕީޓްކުރުމަށް މަޖުބޫރުކުރުވުމުން ދިމާވެދާނެ އެންމެ ބޮޑު އެއް މައްސަލައެވެ.
އިޖުތިމާއީ ގޮތުން ވެސް މި ކުދިންނަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ. މަޝްހޫރު އެޑިއުކޭޓަރ ލެޓާ ހޮލިންގވޯތު 1942 ގައި ކުރެއްވި ދިރާސާއެއްގައި ވިދާޅުވެފައިވަނީ، އައިކިއު 160 އަށް ވުރެ މަތި ކުދިންނަށް އެ ކުދިންގެ އުމުރުގެ އެހެން ކުދިންނާ ގުޅިގެން އުޅުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. ސަބަބަކީ އެ ކުދިންގެ ޝައުގުވެރިކަން ހުންނަ ދާއިރާތަކާއި ދައްކާ ވާހަކަތައް އެހެން ކުދިންނަށް ނުވިސްނުމެވެ. ހައި ކޯޓުގެ ހުކުމާ ގުޅިގެން ކެންގަރޫ ކިޑްސްގެ މައްސަލައިގައި ވެސް ފެނިގެންދިޔައީ މިފަދަ މަންޒަރެކެވެ. ކުއްޖާގެ ވިސްނުމާ އެއްވަރުގެ ވެއްޓެއް ނުލިބުމުން ކުއްޖާ އެކަހެރިވުމުގެ ފުރުސަތު ބޮޑެވެ.
މި މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ މުހިންމު އުސޫލަކީ "އެކްސެލަރޭޝަން" ނުވަތަ ކިޔެވުން އަވަސްކުރުމެވެ. އެމެރިކާގެ ޔުނިވަރސިޓީ އޮފް އިއޯވާގެ ބެލިން-ބްލޭންކް ސެންޓަރުން ހަދާފައިވާ "އަ ނޭޝަން ޑިސީވްޑް" ރިޕޯޓުގައި ބުނެފައިވަނީ، ގާބިލުކަން ހުރި ކުދިން ގްރޭޑް މަތިކުރުމަކީ އެ ކުދިންގެ ތައުލީމީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެ ރިޕޯޓުގައި ވާގޮތުން، ގްރޭޑް މަތިކުރާ ކުދިންގެ އިޖުތިމާއީ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކުރާކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ.
ރާއްޖޭގެ ހައި ކޯޓުން މިހާރު ނެރެފައިވާ އަމުރުގައި ވަނީ، އުމުރަށް ވުރެ ތޫނުފިލި ކުދިން ދެނެގަނެވޭނެ އުސޫލުތަކެއް ހަދައި، އެ ކުދިންގެ ގާބިލުކަމާ އެއްވަރަށް ކިޔެވުން ބައްޓަންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައެވެ. މިއީ ވަރަށް މުހިންމު ފެށުމެކެވެ. ހަމައެކަނި ކިޔަވަން ދަށް ކުދިންނަށް ހާއްސަ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި، މޮޅު ކުދިންނަށް ވެސް އެ ކުދިންގެ ފެންވަރަށް ކިޔަވައިދިނުމަކީ، އެ ކުދިން ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑުވުމަށް ކޮންމެހެން ބޭނުން ކަމެކެވެ.
ތޫނުފިލި ކުދިންނަކީ ގައުމެއްގެ އެންމެ އަގުހުރި ރައުސްމާލެވެ. އެ ކުދިންގެ ސިކުނޑިތައް "ހައިހޫނުކަމުގައި" ބެހެއްޓުމަކީ މުޅި މުޖުތަމައަށް ލިބޭ ގެއްލުމެކެވެ.
ފްރާންސްގެ މަޝްހޫރު ނަފްސާނީ ތަޖުރިބާކާރު ޖީން ޕިއާޖޭ ވިދާޅުވެފައިވާ ފަދައިން، "ތައުލީމުގެ މައިގަނޑު ބޭނުމަކީ އާ ކަންތައްތައް އުފެއްދުމުގެ ގާބިލުކަން ހުރި ބަޔަކު ބިނާކުރުމެވެ. ހަމައެކަނި އެހެން މީހުން ކުރި ކަންތައް ތަކުރާރުކުރާނެ ބަޔަކު އުފެއްދުމެއް ނޫން،" ކަން ފާހަގަކޮށްލަންޖެހެއެވެ.
ރާއްޖޭގެ ނިޒާމު ވެސް ވާންޖެހޭނީ ހުރިހާ ފެންވަރެއްގެ ކުދިން ވެސް ޝާމިލުކޮށްގެން، އެ ކުދިންގެ އެންމެ މަތީ ގާބިލުކަމަށް ވާސިލުވުމަށް މަގުފަހިކޮށްދޭ ނިޒާމަކަށެވެ.
